މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ލަންކާ ބަނދަރުގައި 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 1,741 އަށް ދަށްކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވަނީ އަސާސީ މުދާ ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށް ރާއްޖެއަށް މުދާ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ.
މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް، އެސްޓީއޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގް އެމްއެސްއެސް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިމްޕޯޓް އިތުރުވެފައިާކަން ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމްޕޯޓް 19 އިންސައްތަ ވަނީ އިތުރުވެފައިކަމަށެވެ. އެގޮތުން މީގެ މައިގަނޑު ސަބަބުތަކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރައި އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމުގެ އިތުރުން ރަމަޟާން މަހާ ދިމާވުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
”މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ އެކު މިހާރު މަސައްކަތް ކުރަމުން މިދަނީ އަސާސީ ކާބޯތަކެތީގެ މި ހިމެނޭ މުދާތައް 7 މާކެޓަކުން ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. މިކަމުގައި ވެސް ކުރިއެރުންތަކެއް މިވަނީ ލިބިފަ. މީގެ ތެރޭގައި ޗައިނާ، އިންޑިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ.“ ވަޒީރު ވިދާޅުވިއެވެ.
ލަންކާގެ ބަނދަރުގައި ހުރި ކޮންޓެއިނަރތައް ކްލިއަރކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުުރުން، ރާއްޖެއަށް ވައިގެ މަގުން މުދާ އެތެރެކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެއާލައިންތަކުން ފްލައިޓްތައް އިތުރުކުރުމާ ގުޅިގެން އެއާ ފްރައިޓްކޮށް ގެންނަ މުދާވެސް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮލަމްބޯގައި ހުރި ފްރޯޒަން މުދަލާއި އެހެނިހެން މުދާތައް ގެނައުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިއަށްދާއިރު، ތެލުގެ ޝިޕްމަންޓްތައްވެސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ލިބެމުންދާކަން ވަޒީރު ކަށަވަރުކޮށްދެއްވިއެވެ. އަދި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އޮތުމަކީވެސް މިފަދަ ކަންކަމުގައި ލިބޭ ފަސޭހައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

