ގައުމެއްގެ ސިފަ ޖެއްސުމަށްޓަކައި ގާނޫނާއި ގަވާއިދުތައް އެންމެންގެ މައްޗަށް ހަމަހަމަކޮށް ތަންފީޒުކުރަން ޖެހޭކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ”ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް“ އޮތުން މަޖުބޫރުކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ އެކްސިޑެންޓެއް ހިނގައިގެން ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
ޣަފޫރު ވިދާޅުވީ އެއްގަމު ދަތުރުފަތުރާބެހޭ ގާނޫނުގެ ފްރޭމްވޯކްގެ ތެރެއަށް ”ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް“ ވެއްދުން މުހިންމު ކަމަށެވެ. މިއީ މަޖުބޫރު ކުރުމެއް ނޫންކަމަށާއި، ނަމަވެސް މިފަދަ ނިޒާމެއް ގާނޫނީ އޮނިގަނޑުގެ ތެރޭގައި އޮތުމަކީ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ބިލުގެ ބަހުސްގައި ޣަފޫރު ވަނީ ގައުމުގައި އިންސާފު ގާއިމުވެފައި ނެތްކަމަށް ވިދާޅުވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އާންމު ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ތަފާތުކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުންޏަކުން 150 ކާރު ގެނެސް، އެއްވެސް ގަރާޖެއް ނެތި މާލޭގައި ރަޖިސްޓްރީކޮށްގެން ދުއްވަމުންދާއިރު، އާންމު ރައްޔިތުން ލޯނު ނަގައިގެން ގެންނަ ކާރުތައް ރަޖިސްޓްރީ ނުކުރެވި ތަކުލީފުގައި އުޅެމުންދާކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، ހުޅުމާލޭ ފޭސް 3 ގައި ރައްޔިތުންގެ ކާރުތައް ރަޖިސްޓްރީ ނުކުރެވި ވަނިކޮށް އެ ވެހިކަލްތައް ދަބަރަށްވެ ހަލާކުވަމުންދާއިރު، ސަރުކާރު ކުންފުންޏަކަށް ވުމުން ގާނޫނާއި ގަވާއިދުން އިސްތިސްނާވެގެން ނުވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ދަތިތަކުގެ އަޑު މަޖިލީހަށް އިއްވަން ޖެހޭކަމަށާއި، ކުޑޫ ހުށަހަޅުއްވާފައިވާ މި އިސްލާހު ގާނޫނުގައި ހިމަނައި މި މައްސަލަތައް ހައްލުކުރަން ޖެހޭކަމަށް ޣަފޫރު ވިދާޅުވިއެވެ.
މި ގައުމުގައި އެބަޖެހޭ ގައުމެއްގެ ސިފަ ޖެއްސުމަށް. ގާނޫނެއް ގަވާއިދެއް ހަދައިފިއްޔާ އެ ގާނޫނާއި ގަވާއިދުގެ ހެޔޮކަންތައްތައް އެންމެންގެ މައްޗަށް ތަންފީޒުވާން އެބަޖެހޭ
މީގެ އިތުރުން، ރައްޔިތުން ލޯނު ނަގައިގެން ގެނެސްފައިވާ ކާރުތައް މާލޭގައި ރަޖިސްޓްރީ ކޮށްދިނުމަށް ޣަފޫރު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ޣަފޫރު ވަނީ މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ އިންޝުއަރެންސް ކުންފުންޏެއް މުއްސަނދި ކުރުވައި، އެ ފައިސާ 2028 ގެ ރިޔާސީ ކެމްޕެއިނަށް ނެގުންކަމަށް އެމްޑީޕީއަށް ސަރުކާރުގެ މެމްބަރުން ކުރި ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުން، ތަފާތު އެކި ތުހުމަތުތައް ކުރާތަން ބަލަން އެ ރައްޔިތުން ނުތިބޭނެ ކަމަށެވެ. އަދި މިދިޔަ އިންތިހާބުތަކުގައި ދަށް ނަތީޖާއަކަށް ގޮސް، ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ އެފަދަ ސަބަބުތަކާއި ހުރެކަމަށް ޣަފޫރު ވިދާޅުވި އެވެ.

