ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ބަދުނާމުކުރަން ކުރާ މަސައްކަތުގެ ނަތީޖާއާއި އެމްޑީޕީ ވެސް ކުރިމަތިލާން ޖެހިދާނެ: ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަގުވައްޓާލައި، ރާއްޖެ ބަދުނާމު ކުރުމަށް އެމްޑީޕީން ކެނޑިނޭޅު ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާއާއި އިދިކޮޅު އެމްޑީޕީ ވެސް ކުރިމަތިލާން ޖެހޭ ހާލަތެއް ކުރިމަތިވެދާނެކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރަށް މަޖިލިސް ހުޅުވައިދެއްވައި އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުގެ ރައްދު ވަނީ އިއްވާފަ އެވެ. ރިޔާސީ ބަޔާނާއި ގުޅޭގޮތުން ދިން ޖަވާބުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވީ ސަރުކާރު އަދިވެސް އޮތީ ރައްޔިތުންނަށް ހުސް ހުފަފެން ދެއްކުމުގައި ކަމަށެވެ. އެގޮތުން ރިޔާސީ ބަޔާނެއްގައި ގައުމެއްގެ ހާލަތާއި، އެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާފައިވާ އަދި އަޅަމުންދާނެ ފިޔަވަޅުތައް ބަޔާން ކުރަން ޖެހޭއިރު ރައީސުލްޖުމްހޫރިއްޔާ އޭގެ އެއްވެސް ތަފްސީލެއް ނުދެއްވާކަމަށް ނާޒިލް ވިދާޅުވި އެވެ.

އިދިކޮޅުން ރިޔާސީ ބަޔާން ސިފަ ކުރީ އެއްވެސް ޕްލޭނެއް ނެތި ސަރުކާރުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނަށް ދެއްކި ”ކުލަ ނެތް ހުވަފެނެއް“ ގެ ގޮތުގަ އެވެ.

ރިޔާސީ ބަޔާނާއި ގުޅޭގޮތުން ނާޒިލް ދެއްކެވި ވާހަކައަށް ޒަރީރު ރައްދު ދެއްވީ، މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ހުށަހަޅާފައިވާ ކޮމްޕްރެހެންސިން އިންޝުއަރެންސް އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ އެކްސިޑެންޓެއް ހިނގައިގެން ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަނީ ހަމައެކަނި ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުންތައް އުފުލައިދޭ ”ތާޑް ޕާޓީ އިންޝުއަރެންސް“ އެކެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، އުޅަނދު ދުއްވާ މީހާއާއި، އަމިއްލަ އުޅަނދަށް ލިބޭ ގެއްލުމުގެ އިތުރުން ގުދުރަތީ ކާރިސާތަކާއި، އަލިފާނުގެ ހާދިސާތަކާއި، ވައްކަން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ވެސް އިންޝުއަރެންސްގެ ދަށުން ކަވަރުކުރަން ޖެހޭނެއެވެ. ނަމަވެސް ސަރުކާރު މެމްބަރުން ވަނީ އެމްޑީޕީން މި އިސްލާހު ހުށަހެޅުމުގައި ރަނގަޅު ނިޔަތެއް ނެތްކަމަށް ބުނެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަރީރު ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނަށް އިދިކޮޅު އެމްޑީޕީން ދިން ރައްދުގައި ހިމެނެނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސަރުކާރާއި ރައްޔިތުންނަށް ދެރަ ދިނުމަށް އެމްޑީޕީން ބޮޑެތި ރޭވުންތައް ރާވަމުންދާކަމަށް ތުހުމަތު ކުރައްވައި ވިދާޅުވޫ، ހަގީގަތާ އެއްގޮތަށް ވާހަކަދެއްކުމަކީ އިދިކޮޅު ފަރާތްތަކުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ޒަރީރު ވިދާޅުވީ، ރައީސް މުއިއްޒު ގައުމު ހިންގެވުމާއި ހަވާލުވެވަޑައިގަތީ ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑު ދަރަންޏާއި އެކު ކަމަށެވެ. ނަމަވެސް، އެ ދަރަނިތައް މެނޭޖްކުރުމުގައި މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް އިދިކޮޅުން ގަބޫލުކޮށް، ބަލައިގަތުމަށް ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑެތި ރޭވުންތައް ރާއްޖެއާ ދިމާލަށް މިދަނީ.. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މި އަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން އޭގެ ރައްދުގަ ވާހަކަ ދެއްކި ގޮތް… ހަމަ މުޅިން ބުހުތާނު ދޮގު ހަދާފަ. މިކަހަލަ ކަންތައްތަކެއް ނޫންތޯ މި ބޭފުޅުން މިކުރަނީ..

ޒަރީރު ވިދާޅުވީ ރިޔާސީ ބަޔާނަށް ދިން ރައްދުގައި ދަރަނީގެ ވާހަކަ ދެއްކެވި އިރު، އެމްޑީޕީން މި ސަރުކާރުގެ ބޮލުގައި އެޅުވި ދަރަނިތައް އަދާކުރަން ޖެހިފައި ވަނީ މި ސަރުކާރަށް ކަމަށެވެ. އަދި ސަރުކާރުން ދާދިފަހުން ވަނީ އެއްވެސް ލޯނެއް ނެގުމެއް ނެތި 500 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިކަމަށް ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ތެލާއި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ މި ނާޒުކު ދަނޑިވަޅުގައިވެސް، ދިވެހި ސަރުކާރުން ރައްޔިތުންނަށް ދަތިނުވާނޭހެން އަގުތައް މި ސަރުކާރުން ހިފަހައްޓަމުންދާކަމަށެވެ. ޖަރުމަނު ފަދަ ގައުމުތަކުގައި ތެޔޮ ލީޓަރެއްގެ އަގު އެތައް ގުނައަކުން އުފުލުނު ނަމަވެސް، ރާއްޖޭގައި އެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން އަވަދިނެތި މަސައްކަތް ކުރަމުންދާކަމަށް ޒަރީރު ވިދާޅުވިއެވެ.

މަޖިލީހުގައި ތިބި އެމްޑީޕީގެ މަދު މެމްބަރުތަކެއް ކޮންމެ ދުވަހަކު ސަރުކާރަށް ޖެއްސުންކޮށް، ސަރުކާރު ހުއްޓުވަން ކުރާ މަސައްކަތް ކުށްވެރިކޮށް ޒަރީރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައްކަމަށްވާ ސިއްހަތާއި، ތައުލީމާއި، ދަތުރުފަތުރުގެ ހިދުމަތްތައް އެންމެ ލުއިފަސޭހަގޮތުގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އެމްޑީޕީން މިދިޔަ ދެ އަހަރުގެ ތެރޭގައި ބޭރު ގައުމުތަކުގެ ކުރިމަތީ ސަރުކާރު ބަދުނާމުކޮށް، ރާއްޖޭގެ އަގުވައްޓާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރިކަމަށް ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ މިއީ ގައުމުގެ ރައްޔިތުންނަށް އޮތް ނުރައްކަލެއްކަމަށާއި، އޭގެ ނަތީޖައާއި އެމްޑީޕީ ކުރިމަތިލާން ޖެހޭ ހާލަތެއް ވެސް ކުރިމަތިވެދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: