ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް އެ މަގާމުން މިއަދު ވަކިކުރައްވައިފިއެވެ.
ޑރ. ހަލީލް މަގާމުން ވަކިކުރެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުން މި ބަދަލު ގެނައި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ޑރ. ހަލީލަކީ މި ސަރުކާރު އެކުލަވާލެވުނުއިރު އެންމެ ފުރަތަމަ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅެކެވެ. ފޮރިން މިނިސްޓަރުގެ މަގާމަށް އޭނާ ބަދަލުކުރެއްވީ ސަރުކާރުގެ ކެބިނެޓަށް މީގެކުރިން ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.
ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދެއްވުން ވަނީ އިތުރުވެފައެވެ. އެގޮތުން ދާދި ފަހުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބޭފުޅަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސެއިން ފަހުމީ ވަނީ އައްޔަނުކުރައްވާފައެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ އިސް ބައެއް ވެރިންވެސް ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވާފައެވެ. ހަމައެއާއެކު، ފެނަކަ އާއި އެޗްޑީސީގެ ބައެއް އިސް މަގާމުތަކަށް ވެސް ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކަށާއި ކުންފުނިތަކުގެ ހިންގުމަށް މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، މި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ތަފްސީލީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

