ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ހިންގުމުގެ ނިޒާމުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ހުރިހާ ސިޔާސީ ފަރާތްތަކާއިއެކު މަޝްވަރާކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.
ފައްޔާޒް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ކެބިނެޓް ރޫޅިގެން ދިއުމަކީ ހަމައެކަނި ވަކިން ހިނގައިދިޔަ ކަމެއް ނޫން ކަމެއް ކަމަށެވެ. މިއީ ސަރުކާރުގެ ހަމަޖެހުން ގެއްލި، ރައްޔިތުންގެ މެދުގައި އޮތް މަޤްބޫލުކަން ކުޑަވަމުންދާކަން ހާމަކޮށްދޭ އެންމެ ފަހުގެ ނިޝާން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ޤައުމީ މާލީ ކާރިސާއެއްގެ ތެރޭގައި އަދި ބައިނަލްއަޤްވާމީ މަސްރަޙު އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ދިވެހިރާއްޖެއަށް އެފަދަ ކަންކަން ތަހައްމަލު ކުރެވެން ނެތް ކަމަށެވެ. މީގެއިތުރަށް ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ހިންގުމުގެ ނިޒާމުގެ މައްސަލަހަތު ޙައްލުކުރުމަށްޓަކައި، ޤައުމީ މަޞްލަޙަތު އިސްކުރައްވައި ހުރިހާ ސިޔާސީ ފަރާތްތަކެއް އެކަތިގަނޑަކަށް ހެއްދެވުމަށް މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.
ރައީސް މުއިއްޒުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، 7 މިނިސްޓަރަކު އިސްތިއުފާ ދެއްވައި 3 މިނިސްޓަރަކު ވަނީ ވަކިކޮށްފައެވެ. އެގޮތުން:
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
- ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
- ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 9 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވިއިރު ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން މިދިޔަ ހަފުތާއެއްގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

