ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރަށް ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވުމަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް މުއިއްޒު ވަނީ އެ ބޭފުޅުންގެ އިސްތިއުފާ މިހާރު ގަބޫލުކުރައްވާފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ. އިސްތިއުފާ ދެއްވި ވަޒީރުން ގައުމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކުރައްވައި، ރައީސް ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު އިސްތިއުފާ ދެއްވި ވަޒީރުން:
މިއަދު މަގާމުން އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، އަދި އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.
މީގެ އިތުރުން ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އަދި ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ސަރުކާރުގެ ކުންފުނިތަކަށް ގެންނަ ބަދަލުތައް
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނަށް ވެސް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން އެމްޕީއެލްގެ އެމްޑީ މުހައްމަދު ރިޝްވާން އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު، އެގްރޯނެޓްގެ އެމްޑީ ހުސެން ދީދީ، އަދި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވަނީ މަގާމުން ވަކިކުރައްވާފައެވެ.
މި ބަދަލުތަކާއެކު، އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް މިއަދު ވަނީ ކުރިން ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި ހުސެން ފަހުމީ އައްޔަންކުރައްވާފައެވެ. މި ހުރިހާ ބަދަލުތަކަކީ ވެސް ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.

