ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ ޑިމާންޑާއި ސަޕްލައި ބޮޑުތަނުން ދަށްވާނެ ކަމަށް އައި.އީ.އޭ އިން ލަފާކޮށްފި

Image: Google
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑާއި، ތެޔޮ ސަޕްލައި ކުރެވޭ މިންވަރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން ދަށްވާނެ ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) އިން ލަފާކޮށްފިއެވެ.

އަންގާރަ ދުވަހު އެ އިދާރާއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިއަހަރު ދުނިޔޭގެ ތެލުގެ ޑިމާންޑް ދުވާލަކު 80,000 ފީފާއަށް ދަށްވާނެ ކަމަށް ބެލެވެއެވެ. މިއީ މިދިޔަ މަހުގެ ރިޕޯޓުގައި އަހަރުން އަހަރަށް 640,000 ފީފާ އިތުރުވާނެ ކަމަށް ލަފާކުރި މިންވަރާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

އައި.އީ.އޭ އިން ހާމަކުރި ގޮތުގައި، މި ބަދަލުތައް އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ މުއާމަލާތްތަކަށް ހުރަސްއެޅުމެވެ.

މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ޕެރިހުގައި މަރުކަޒުވެފައިވާ މި އިދާރާގެ ވެރިޔާ ފާތިހް ބިރޯލް ވިދާޅުވީ، ބައެއް ގައުމުތަކުން ތެލުގެ ރިޒާވް ހިފަހައްޓައި، ބޭރުކުރުމަށް ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އެއްވެސް ގައުމެއްގެ ނަން ހާމަނުކުރައްވައި، އޭނާ ވަނީ ބާޒާރަށް ތެޔޮ ސަޕްލައިކުރުން ހުޅުވާލުމަށް ހުރިހާ ގައުމުތަކަށް ގޮވާލެއްވިއެވެ.

މި އަންދާޒާ ނެރެފައިވަނީ، ހަކަތައިގެ ވަސީލަތްތައް ރައްކާކޮށް ހިފެހެއްޓުމާއި، ބޭރުކުރުން ކޮންޓްރޯލްކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއި، ވޯލްޑް ބޭންކް އަދި އައި.އީ.އޭ އިން ގައުމުތަކަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. އައި.އީ.އޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތެޔޮ ލިބުން ދަތިވެ އަގުތައް މަތީގައި ހުރުމުގެ ސަބަބުން ތެލަށް އޮތް ޑިމާންޑް އިތުރަށް ދަށްވަމުންދާނެއެވެ.

މިހާތަނަށް ތެޔޮ ބޭނުންކުރާ މިންވަރު އެންމެ ބޮޑަށް ދަށްވެފައިވަނީ މެދުއިރުމައްޗާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައެވެ. ހާއްސަކޮށް ނެފްތާ، އެލް.ޕީ.ޖީ އަދި މަތިންދާބޯޓަށް އަޅާ ތެޔޮ ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ތެލުގެ ޑިމާންޑް ދުވާލަކު 1.5 މިލިއަން ފީފާއަށް ދަށްވާނެއެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ތެލުގެ ބޭނުން މިހާ ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން، އޯޕެކް އިން ވެސް ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދުނިޔޭގެ ތެލުގެ ޑިމާންޑް ދަށްވާނެ ކަމަށް ހޯމަ ދުވަހު ލަފާކޮށްފައެވެ. ނަމަވެސް މުޅި އަހަރުގެ ޖުމްލަ އަންދާޒާއަށް އެ ޖަމިއްޔާއިން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: