ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ދާ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ތިން މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވުމުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
ކެރަލާގައި ކޮރޯނާ ވައިރަސްއަށް ތިން މީހަކު ޕޮޒިޓިވް ވީ، ޗައިނާގެ ވޫހާނުން އިންޑިއާ އަށް ދަތުރުކުރި ދެ މީހަކު އެކަހެރިކޮށްގެން ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެހެންވެ ކެރެލާގެ ސަރަހައްދީ ސަރުކާރުން ނިންމީ އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށެވެ.
ޗައިނާގެ ވޫހާން އިން ފުރަތަމަ ފެނުނު ނޮވެލް ކޮރޯނާވައިރަސް މިހާތަނަށް 25 ގައުމަކަށް ފެތުރިފައި ވާތީ، އެ ގައުމުތަކުގައި ތިބި ދިވެހިން، އެ މީހުން ދިރިއުޅޭ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންތަކުގަ އާއި އެމްބަސީތަކުގައި ރަޖިސްޓްރީވާން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރާ އިލްތިމާސް މިއަދު އަނެއްކާވެސް ވަނީ ތަކުރާރުކޮށްފައެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ރަޖިސްޓްރީކުރަން ފަސޭހައަށް އެކި ނަމްބަރުތަކާއި އީމެއިލް އެޑްރެސްތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ މައުލޫމާތު ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
މިގޮތުގެ މަތިން ރަޖިސްޓްރީކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރު މައުލޫމާތުގެ ގޮތުގައި ބަލަހައްޓާނެ އެވެ.
ނޮވެލް ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިއަދު ވަނީ 400 އަށް ވުރެ މަތިވެފަ އެވެ. މިއަދާ ހަމައަށް އެ ވައިރަސް އެރި މީހުންގެ އަދަދަކީ 20،626 އެވެ.

