ދުނިޔޭގެ ލަދަށްޓަކައި ނަމަވެސް ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދޭންޖެހޭ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ މި އަހަރުގެ ފުރަދަމަ ދައުރުގެ ތިންވަނަ ޖަލްސާގައި މީކާއިލް މި ގޮތަށް ވިދާޅުވީ، ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން އެނގިތިބެ، އޭނާއަށް ”އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑާ“އެރުވި މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައި ކުއްލި މައްސަލައެއް ހުށައަޅުއްވައި ބަހުސްކުރަން ހުޅުވާލުމުންނެވެ.
ހިޝާންއާ އެކު ދިރިއުޅެމުން އަންނަ ކުއްޖެއްގެ ބެލެނިވެރިކަން ހޯދުމަށް އޭނާ ކޯޓަށް ވައްދައިގެން އުޅޭ މައްސަލައިގައި ހައިކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާމަވެފައިވާ ގޮތުގައި ހިޝާންއަށް އެމްބެސެޑަރުކަން ދިންއިރުވެސް، ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން ފުލުހުން ވަނީ ޖެންޑާގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެހެންކަމުން، މިކަމުގައި ޖެންޑާރ މިނިސްޓަރުގެ އިހުމާލު އެބަ އޮތް ކަމަށާއި، ކަމުގެ ޒިންމާ މިނިސްޓަރު ޝިދާތާ ޝަރީފް ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ދުނިޔޭގެ ލަދަށްތަކައި ނަމަވެސް ޖެންޑާރ މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އިހުލާސްތެރިކަމާއެކު ދަންނަވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
”އޭނާއަށް އެމްބެސެޑަރުކަމާއި ގައުމީ އިނާމު ދިންއިރުވެސް އޭނާއާ މެދު ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑާ މިނިސްޓްރީއަށް އެނގޭ“ މީކާއިލް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އިތުރު މެމްބަރުންވެސް ވަނީ، މީކާއިލް އަށް ތާއީދުކޮށް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަތުމަށް ފާސްކުރީ މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ.
މީކާއީލް ހުށަހެޅުއްވި މައްސަލައިގައި ދެ ކަމެއް ފާހަގަ ކުރައްވާފައިވެއެވެ. އެއީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިނުމާއި 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ހޯދަން އުޅުމުން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް އޭނާ އެ ޒުވާނާ ގޭގައި ގެންގުޅޭކަން އެނގިތިބެ ހިމާޔަތް ކުރަން އެއްވެސް ކަމެއް ނުކުރުމެވެ.

