ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ޝިދާތާ އަށް: އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާ!

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީގައި -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރުމަވެރިއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ގޯނާގެ  ތުހުމަތުތައް އެނގި ތިބެ، އޭނާއަށް ”އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑާ“އެރުވި މައްސަލައިގައި، ޖެންޑާރ މިނިސްތަރު ޝިދާތާ ޝަރީފު އިހުމާލުވެފައި ވާތީ، އެ ކަމަނާގެ އިސްތިއުފާ އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފިއެވެ.

މެމްބަރުން އެކަމަށް ގޮވާލެއްވީ، ޖެންޑާ މިނިސްޓްރީގެ އިހުމާލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ ޖަލްސާ އަށް ވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ.

ބަހުސްކުރަން ހުޅުވާލުމުން،  މީކާއީލް ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ އެ އިހުމާލުގެ ޒިންމާ މިނިސްޓަރު ޝިދާތާ ޝަރީފް ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ޝިދާތާ އިސްތިއުފާ ދެއްވުމަށް މީކާއީލް ގޮވައިލެއްވި އެވެ.

”ދުނިޔޭގެ ލަދަށް ޓަކައި ނަމަވެސް މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އެބަ ޖެހޭ. އިސްތިއުފާ ނުދެއްވައިފި ނަމަ އަޅުގަނޑު އިޚުލާސްްތެރިކަމާ އެކު މި އިލްތިމާސް ކުރަނީ ސަރުކާރަށް ވެސް ޖެންޑާ މިނިސްޓަރު ވަކިކުރައްވަން އެބަ ޖެހޭ،“ އޭނާ ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ ސަރުކާރުން ޝިދާތާ ވަކިނުކޮށްފި ނަމަ މަޖިލީހުން ވެސް އެކަން އެގޮތަށް ކުރާނެ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

މީކާއިލްގެ ވާހަކައަށްފަހު، ބަހުސްގައި ވާހަަކަ ދެއްކެވި އެމްޑިޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ޝިދާތާގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ. އަދި އެ ކަމަނާ އިސްތިއުފާނުދެއްވައިފި ނަމަ، ސަރުކާރުން ވެސް އޭނާ ވަކިކުރަން ގޮވާލައްވާ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

ބަހުސްގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވި ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާ، ހިޝާންގެ ބެލުމުގެ ދަށުގައި 2018 ވަނަ އަހަރުން ފެށިގެން ހުރި ހުރުމަކީ އިހުމާލަކަށް ނުވާ ނަމަ ސަަރުކާރަކުން ވާނެ އިތުރު އިހުމާލެއް ނޯންނަނެ އެވެ.

”އަޅުގަނޑު އެދެން ވަރަށް އިޚުލާސްތެރިކަމާ އެކީގައި ޖެންޑާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް. އަޅުގަނޑުމެން، އިއްޒަތްތެރި ރައީސް އޯގާތެރި ސަރުކާރުގެ ވާހަކަ ދައްކަމުން އައި ޕާޓީ، ދިވެހި ރައްޔިތުންގެޑިމޮކްރެޓިކް ޕާޓީއަކަށް ނޯވެވޭނެ، މި ކަހަލަ ކަންކަން ހިނގަމުން ދާއިރު ދެ އަތް އުރާލައިގެންނެއް،“ ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި، ޖެންޑާ މިނިސްޓްރީގެ ތެރޭގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާނެ އެވެ.

”އެެހެންނޫނީ ވަޒީރު، ދިމާވާ ކޮންމެ ކަމަކަށް ފިޔަވަޅު އަޅަމުން އަޅަމުން ދާން ޖެހޭނެ. އެކަންތައްތައް އިސްލާހު ކުރަން އަޅުގަނޑުމެން އައިސް ތިބީ،“ އިލްޔާސް ވިދާޅުވި އެވެ.

ހިޝާނަކީ ޖިންސީ ގޯނާގެ  ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަމާއި އޭނާއަށް ސަރުކާރުން ހާއްސަ އިނާމާއި އެމްބެސެޑަރުކަން އޭނާ ދިން އިރުވެސް، ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑާ މިނިސްޓްރީ އަށް މާކުރިން ހުށަޅާފައިވާކަން ހާމަވެވައި ވަނީ އިއްޔެ ހައި ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމެއްގައެވެ.

ހައި ކޯޓުގައި އިއްޔެ އޮތީ، ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާން ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދަން ހިޝާން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއް، އޭނާ އެދުނު ގޮތަށް ކޮށްދެވެން ނެތް ކަމަށް ކުރި ހުކުމުގެ އިސްތިއުނާފުގެ އަޑު އެހުމެކެވެ.

ހައި ކޯޓުގައި އިސްތިއުނާފުގެ އަޑު އެހުމުގައި ހިޝާންގެ މައްޗަށް ކުރެވެނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހައި ކޯޓަކުން ނުބުނެއެވެ. ނަމަވެސް، ”އެކަހަލަ ތުހުމަތުތަކެއް ހުއްޓާ“ އެގޮތަށް ބުނެފައިވެއެވެ.

ހައި ކޯޓުގައި ބޭއްވި އަޑުއެހުމަށް ހިޝާނެއް ވެސް އަދި ބެލެނިވެރިކަން ހޯދަން އެދޭ ފަރާތުން ވެސް ހާޒިރެއް ނުވުމުން އިސްތިއުނާފުގެ މައްސަލަ ކޯޓުން ވަނީ ބާތިލްކޮށްފައެވެ. މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި މުހައްމަދު ނިޔާޒް ވިދާޅުވީ، ހިޝާނަށް ބެލެނިވެރިކަން ނުދޭން ފެމިލީ ކޯޓުން ހުކުމް ކުރީ ހިޝާންއާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ފުލުހުން އިންޓެލިޖެންސުން ދިން މައުލޫމާތާ އެކު ޖެންޑާ މިނިސްޓްރީން އެކުލަވައިލި ރިޕޯޓަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.

ބެލެނިވެރިކަން ހޯދަން އެދުނު ކުއްޖާ 2018 ވަނަ އަހަރުން ފެށިގެން އަދިވެސް އުޅެނީ ހިޝާންއާ އެކީގައި ކަމަށް ފަނޑީޔާރު ނިޔާޒް ވިދާޅުވިއެވެ. އަދި އެފަދަ ކަންތައްތަކެއް ތުހުމަތު ކުރެވޭއިރު ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލީ ކީއްވެތޯ ފަނޑިޔާރު ވަނީ، ޖެންޑާ މިނިސްޓްރީން ކޯޓަށް ހާޒިރުވި ލީގަލް އޮފިސަރާއި ސުވާލު ކުރައްވާފައެވެ.

މައްސަލާގައި ހިމެނޭ ފަރާތް ހާމަވާނެ އެއްވެސް މައުލޫމާތެއް މީޑިއާގައި ހާމަނުކުރަން ޝަރުތުކުރައްވައި، ފަނޑިޔާރު ނިޔާޒް ވަނީ ކަން ހިންގާފައިވާ ގޮތް ޝަރީއަތްކުރާ މާލަމުގައި ހާމަކުރެއްވާފައެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ހާއްސަކޮށް، ސިކުނޑީގެ އުނިކަމެއް ހުންނަ ނަމަ އުމުރުން 18 އަހަރު ވިޔަސް އަމަލުކުރަން ޖެހޭނީ ކުޑަކުއްޖަކާ މެދު އަމަލުކުރާ އުސޫލުން ކަމަށެވެ.

އެގޮތަށް އެކަން އޮތްއިރުވެސް ޖެންޑާ މިނިސްޓްރީން އެކަމާ އަޅާނުލައި އެ ކުއްޖާ އަދިވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގައިކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. މި މައްސަލާގައި ހިޝާނާ ދެކޮޅަށް 2018 ވަނަ އަހަރު ހުކުމް ކުރުމުން އޭނާ ހައި ކޯޓަށް ދިޔައިރުވެސް ކުއްޖާ ހުރީ ހިޝާންގެ ބެލުމުގެ ދަށުގަ އެވެ. ހިޝާނަށް ގައުމީ އިނާމުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރުކަން ދީފައި ވަނީ ވެސް ޖެންޑާގައި، ހިޝާންއާ ބެހޭ ގޮތުން މި ހުރިހާ މައުލޫމާތެއް ހުއްޓަ ކަމަށްވާތީ އެކަން އެގޮތަށް ހިނގީ ކީއްވެތޯ ގާޒީ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ.

ކުއްޖާގެ މައްސަލަ 2015 ވަނަ އަހަރުން ފެށިގެން ޖެންޑާގައި އޮވެ، ހިޝާންގެ ބެލުމުގެ ދަށުގައި އެ ކުއްޖާ އަދިވެސް ހުރި މައްސަލަ ފަނޑިޔާރު ތަކުރާރުކޮށް ފާހަގަކުރައްވަމުން ވިދާޅުވީ ހިޝާނަށް ގައުމީ އިނާމުތައް ވެސް ހިޝާނަށް ދިނީ މި ހުރިހާ ތުހުމަތެއް އެނގިތިބެ ކަމަށާއި މިއީ މިކަން ވެގެން ވާނެ ގޮތް ނޫން ކަމަށެވެ. އެކަން ސާފުކުރަން ޖެންޑާ މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސިޓީއެއް ފޮނުވުމުން އަދިވެސް ސިޓީ އަށް ޖަވާބު ނުލިބޭ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މި މައްސަލަ އައީ ވެސް އެ ސިޓީއާ ގުޅިގެންކަން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: