ކުރީގެ ރައީސް އަބްދު ﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގާފައިވަނީ ޖަރީމާއެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ބުނެފިއެވެ.
އެމްއާރުއެމުން މިހެން ބުނީ، އެންމެފަހުން ހިންގި ކުއްލިނުރައްކަލުގެ ޙާލަތަށް ދެ އަހަރު ފުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެމްއާރުއެމުން ބުނީ، ކުއްލިނުރައްކަލުގެ ޙާލަތު އިއުލާން ކުރީ، ރާއްޖޭގެ ޤާނޫނު އަސާސީގެ އުޞޫލުތަކާ ޚިލާފަށް އަދި ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައްވެސް ނަގާލައި ޢަދުލްއިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށެވެ.
”މިއަދަކީ ރާއްޖޭގައި އެންމެފަހުން ހިންގި ކުއްލިނުރައްކަލުގެ ޙާލަތު ހިންގަންފެށިތާ ދެ އަހަރު ފުރުނު ދުވަހެވެ. އެކުއްލިނުރައްކަލުގެ ޙާލަތު އިޢްލާން ކުރީ، ރާއްޖޭގެ ޤާނޫނު އަސާސީގެ އުޞޫލުތަކާ ޚިލާފަށް އަދި ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައްވެސް ނަގާލައި ޢަދުލްއިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައެވެ.“ އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، އެ ބަޔާނުގައި ބުނީ، 2018 ވަނަ އަހަރު ގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރޭ ކުއްލިނުރައްކަލުގެ ޙާލަތު އިޢްލާން ކުރުމާއެކު އެންމެ ފުރަތަމަ ހައްޔަރުކޮށް، ދޫނިދޫ ޖަލަށް ގެންދިޔައީ އެ ޕާޓީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ކަމަށެވެ. އެ ދުވަހު ޤާނޫނު އަސާސީ ވަކި މީހެއްގެ މިލްކަކަށް ހަދައި، ޤާނޫނުގެ ބާރު ކަނޑުވާލައި ދިވެހިރާއްޖޭގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަން ދިވެހި ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްއާރުއެމުން ބުނީ، ކުއްލިނުރައްކަލުގެ ޙާލަތު އިޢްލާން ކުރިތާ މިއަދަށް ދެ އަހަރު ފުރޭއިރު، މުޅި ދިވެހި ޤައުމަށް ހާމަވެގެން ގޮސްފައިމިވަނީ އެޙާލަތުގެ ދަށުން ބަންދުކުރެވުނު ބޭފުޅުންގެ އިސްތަށި ފުޅުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ އެއްވެސް ޙަޤީޤަތެއްނެތް ދޮގު އިލްޒާމް ތަކެއްކަމެވެ.

