ފެމިލީ ކޯޓުން ކުރި ހުކުމާ ހިލާފަށް ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާނާ ދައުލަތުގެ މިވަގުތު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާގެ ބެލެނިވެރިކަން ހިޝާނަށް ހަވާލުކުރުމަށް ފެމިލީ ކޯޓަށް ހުށައެޅީ އޭނާގެ މަންމަ ކަމަށެވެ. އަމިއްލަ އިޚްތިޔާރުގައި އޭނާގެ މަންމަ ހުށައެޅި އެ މައްސަލަ 2017 ވަނަ ފެމިލީ ކޯޓުގައި ހިނގި އިރު، ޖެންޑާރ މިނިސްޓްރީން އެއްވެސް ސިއްހީ އެސެސްމެންޓެއް ހަދާފައި ނުވާނެ ކަމަށެވެ.
ނަމަވެސް، މި އަހަރުގެ ފެބުރުވަރީ މަހު ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފުލުހުން ތަޙުޤީޤު ފަށާފައިވާތީ އާއި ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖާގެ ވަށައިގެންވާ ކަންކަމާއި، އަދި އޭނާގެ ޙާލަތާ ގުޅޭގޮތުން މި ވަގުތު މިނިސްޓްރީގައި އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް، އޭނާއަކީ އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ފަންނީ ތަޙުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެންދޭ ކަމަށާއި މި ވަގުތު އޭނާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޖެންޑާގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ކުރީއްސުރެ ހިނގަމުން އަންނަ މި ފަދަ މައްސަލަތަކާ ގުޅޭ ގޮތުން ކުރިން ނިންމައިފައިވާ ނިންމުންތަކުގެ ސަބަބުން ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ނުވަތަ ޙައްޤަކަށް އުނިކަން ލިބޭކަން ފާހަގަކުރެވޭނަމަ، އެ މައްސަލައެއް އަލުން މުރާޖާކޮށް އިތުރަށް އަޅަންވާ ފިޔަވަޅެއް އޮތްނަމަ ލަސްނުކޮށް އެ ފިޔަވަޅެއް އެޅުން ކަމުގައި ވެސް ޖެންޑާގެ ބަޔާނުގައި ބުނެފައި ވެއެވެ.

