ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ބާއްވާ ”މޭޑޭ ރެލީ“ މިއަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ.
ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލްކުރާ މައި ޖަމިއްޔާ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ) އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހެވެ.
ދިވެހިރާއްޖޭގައިވެސް މި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ފާއިތުވި އަހަރުތަކުގައި މި ދުވަހާ ގުޅިގެން މަސައްކަތްތެރިންގެ ހައްގުތަކަށް އަޑުއުފުލުމަށް ހިނގާލުންތަކާއި ރެލީތައް ބާއްވަމުން ގޮސްފައިވެއެވެ.
މީގެ ކުރީގެ ބައެއް އަހަރުތަކުގައި މި ރެލީތައް ބޭއްވުމަށް ފުލުހުންގެ ފަރާތުން ހުރަސްތަކާ ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.
އެގޮތުން ނިމިދިޔަ އަހަރު ރަސްފަންނު ސަރަހައްދުން ފަށައިގެން މަޖީދީ މަގުން އިރަށް، އާޓިފިޝަލް ބީޗާ ހަމައަށް ކުރިއަށް ގެންދަން ރޭވި ރެލީއަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. ރެލީ ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ބެރިކޭޑު ޖަހައި ފުލުހުން ވަނީ އެ ހިނގާލުން ކުރިއަށް ދިޔަނުދީ ހުއްޓުވާފައެވެ.
މިއަހަރުގެ ރެލީ ބާއްވާނެކަން އެމްޓީޔޫސީން އިއުލާނު ކުރި ނަމަވެސް، މި ރެލީ ކުރިއަށްދާނެ ވަކި ރޫޓެއް ނުވަތަ ސަރަހައްދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މަސައްކަތްތެރިންގެ ދުވަހަކީ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ މުހިންމު ހަރަކާތެކެވެ.
މިއަހަރުގެ ރެލީއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އެމްޓީޔޫސީން ހާމަކުރާނެ ކަމަށް ބެލެވެއެވެ.

