އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދީފައިވަނީ ހަރުކަށި ފިިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ތިން ބިދޭސީންނަށް ދީފައިވާ ހަމަލާ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ. މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ފުލުހުން ބުނީ މި ހަމަލާއާ ގުޅުންހުރި ކަމަށްބުނެ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަންގާރަ ދުވަހުގެ ރޭގެ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ. އެ ތިން މީހުންނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު މި ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާ ކަމަށްބުނެ އައިއެސްގެ ދިވެހި ޓެލެގްރާމްގައި ވަނީ ވީޑިއޯއެއް އާންމު ކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާ ކޮށްގެން ތިބި ބަޔަކު އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނާ މަންޒަރެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ސުވަރުގެ ކަމަށް ދައްކާ ދެއްކުން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައިވެ އެވެ.
ވީޑިއޯ ނިންމާލަމުން އެމީހުން ބުނެފައި ވަނީ ފަތުރުވެރިންނަށް މިފަދަ އެތައް ހަމަލާއެއް އަދިވެސް ދޭނެ ކަމަށެވެ.

