ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރި ކަމަށް ގޮންޖަހައި ނުރައްކާ ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ބިދޭސީންތަކަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާފައިވާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.
https://twitter.com/ShimranAb/status/1225105396076929024
ވީޑިޔޯއާ ގުޅިގެން ފުލުހުން ބުނީ އޭގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ. މި މައްސަލައާ ގުޅިގެން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
އެ ހަމަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާއިރު، އެ ތިން މީހުންނަށް ހަމަލަދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

