ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި، އިސްތިއުފާ ދެއްވަން ނިންމެވިކަން ޝިދާތާ ވިދާޅުވެފައިވަނީ ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނާ އެކު، މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ”ސަންގު ނޫހަށް“ މައުލޫމާތު ދެއްވަން ވިދާޅުވީ މިނިސްޓަރުގެ އިސްތިއުފާ ގުޅޭ ގޮތުން މިނިސްޓްރީން ކޮމެންޓެއް ނުކުރާނެ ކަމަށާއި، ރައީސް އޮފީހުން އެމައުލޫމާތު ސާފުކުރުމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މިނިސްޓަރ އިސްތިއުފާ ދެއްވުމަކީ ރައީސް އޮފީހާ ގުޅުން ހުރި ކަމެކެވެ. އެހެން އެފަދަ މައުލޫމާތު ދޭނީ ރައީސް އޮފީހުން ކަމަށެވެ. އެކަމުގައި މިނިސްޓްރީން އެއްޗެއް ނުބުނާނެ ކަމަށް ވިދާޅުވިއެވެ.
ޝިދާތާ އިސްތިއުފާ ދެއްވަން ނިންމެވީ އެކަމަކީ އެންމެ މަސްލަހަތު އޮތް ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް އެނގިފައިވެއެވެ. ނަމަވެސް އިސްތިއުފާ ދެއްވަނީ މިނިސްޓްރީ ހިންގެވުމުގައި އިހުމާލެއް އޮތް ކަމަށް ގަބޫލު ކުރައްވާތީ އެއްނޫން ކަމަށް ޝިދާތާ ވިދާޅުވި ކަމަށް އެނގިފައިވެއެވެ.
ޝިދާތާ އިސްތިއުފާ ދެއްވަން ނިންމެވުމާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އިސްތިއުފާ ދެއްވަވަން ނިންމެވިއިރު ޖެންޑާ މިނިސްޓަރުގެ މަގާމުގައި ޝިދާތާ ހުންނަން ނުފެންނަ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ނިންމާފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ވަޑައިގެން 45 މެމްބަރުންގެ އިއްތިފާގުން، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިތުރަށް މަގާމުގައި ހުންނަވަން ނުފެންނަ ކަމަށް ނިންމާފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ކުރީގެ ޑިސްއެބިލި އެމްބެސިޑަރު އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައިވެސް ގިނަ މެންބަރުންވަނީ ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

