ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ނަޝީދުއާއި ފައްޔާޒު ހުށަހަޅައިފި

ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.

”ބަދަލު“ ގެ ނަމުގައި މިއަދު ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ބޭފުޅުން ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ މުހިންމު ބަދަލުތަކެއް ތަފްސީލުކޮށްދެއްވާފައެވެ.

މި ހުށަހެޅުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަޤާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. މިގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ’ރައީސުލްޖުމްހޫރިއްޔާ‘ ކަމަށް ކަނޑައަޅައި، އެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް، އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަޣުލަބިއްޔަތު ވޯޓުން ކަމަށް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް، ސަރުކާރު ހިންގާ ވެރިޔާ އަކީ މިހާރެކޭވެސް އެއްފަދައިން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ ފަރާތަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ. މި ނިޒާމުގެ ތެރެއިން ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ފުރިހަމައަށް ޖަވާބުދާރީކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ ގޮތުން، މިނިވަން މުއައްސަސާތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޒިންމާދާރުކުރުވުމަށްޓަކައި، މަޖިލީހުގެ މެންބަރުން އައްޔަންކުރާ ’އޯވަސައިޓް ކޮމިޝަނެއް‘ ގާއިމުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ޤާނޫނުއަސާސީގެ ބައެއް އަސާސީ ބައިތަކަށް ރައްޔިތުންގެ އާންމު ވޯޓަކާ ނުލައި ބަދަލު ނުގެނެވޭނެ ގޮތަށް ހެދުމަށްވެސް މި އިސްލާހުތަކުގައި ހިމަނާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި، މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފަހައްޓައި ޤާނޫނުއަސާސީގައި އެ އަދަދު ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ހަމައެކަނި ދާއިރާގެ މަސްލަހަތުގެ ބަދަލުގައި ޤައުމީ މަސްލަހަތަށް ވަކާލާތު ކުރާނެ ’ޤައުމީ މެންބަރުން‘ ތިބޭ ގޮތަށް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމާއި، އަންހެނުންނަށް މަޖިލީހުން ފުރުސަތު އިތުރުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މި އިސްލާހުތަކަކީ ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާކޮށް، ސަރުކާރު ޖަވާބުދާރީކުރުވުން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ފައްޔާޒު ސިފަކުރައްވައެވެ.

އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ވެސް މި އިސްލާހުތަކުގެ ތެރޭގައި މުހިންމު ބަދަލުތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޚާއްޞަ އޮނިގަނޑެއް އެކުލަވާލުމާއި، ސަރުކާރުގެ ފައިދާވާ ކުންފުނިތައް ސޮވްރިން ވެލްތު ފަންޑެއްގެ ދަށަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ބަޖެޓުގެ ޑެފިސިޓް އާމްދަނީގެ ނިސްބަތުން ހުންނަންޖެހޭ މިންވަރާއި، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަންޖެހޭ މިންވަރު ޤާނޫނުން ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އަދި ދައުލަތުގެ ޕްރޮކިއުމަންޓް ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ޚާއްޞަ މިނިވަން އިދާރާއެއް ގާއިމުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ޤުދުރަތީ ވަސީލަތްތައް ފަނާކޮށް ދައުލަތުން ކުރަމުންދާ ބޮޑު އިސްރާފު ހުއްޓުވުމަށާއި، ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް އުފެއްދުންތެރި ދިވެހި ވިޔަފާރިވެރިން ބިނާކުރުމަށް ހާއްސަކުރުމަށް ވަނީ ހިމަނާފައެވެ. އަދި ދައުލަތުން ވިޔަފާރިވެރިންނާއެކު އެކުލަވާލާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަންވެސް މި އިސްލާހުތަކުގައި ފާހަގަކޮށްފައިވެއެވެ.

މި ހުށަހެޅުންތަކަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ ހިންގުން ދެފުށް ފެންނަ، މަސްއޫލިއްޔަތު އުފުލާ ނިޒާމަކަށް ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ރައީސް ނަޝީދާއި ފައްޔާޒު އިސްމާޢީލް ސިފަކުރައްވައެވެ. މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، އިޤްތިޞާދީ ގޮތުން ޤައުމަށް ދިގު މުއްދަތުގެ ހަމަޖެހުމާއި ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އެ ބޭފުޅުން ގަބޫލުކުރައްވައެވެ. މި ހުށަހެޅުންތަކާ ގުޅިގެން ސިޔާސީ މައިދާނުގައި މިހާރު ވަނީ ބޮޑެތި ބަހުސްތަކެއް ފެށިފައެވެ. އާންމު ރައްޔިތުންނާއި ސިޔާސީ ދާއިރާގެ ބޭފުޅުން އިންތިޒާރު ކުރަމުންދަނީ މި ހުށަހެޅުންތަކަށް މި ސަރުކާރުން ދޭނެ އިޖާބައަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: