ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ، އެ ޓިކެޓު އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ކަށަވަރުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އޭނާގެ މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެއާއެކު އެމްޑީޕީން ވަނީ އެ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޯދުމަށް މިދިޔަ ހޯމަ ދުވަހު ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މިއަދު މެންދުރު 2:00 އަށް ސުންގަޑި ހަމަވިއިރު، އެ ދާއިރާގެ ޓިކެޓަށް އެދި ހުށަހެޅުއްވީ ހަމައެކަނި ސޯބެ އެވެ. އެހެންކަމުން ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކީ އޭނާ ކަމަށް ވަނީ ނިންމައިފަ އެވެ.
ސޯބެ އަކީ އައްޑޫ ސިޓީގެ މޭޔަރުކަން 2011 އިން 2021 އަށް، 10 އަހަރު ވަންދެން ކުރެއްވި ބޭފުޅެކެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ވަނީ ފުރުއްވައިފަ އެވެ. ސޯބެ މިހާރު ހުންނެވީ އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސްގެ މަގާމުގަ އެވެ.
ޓިކެޓު ކަށަވަރުވުމާ ގުޅިގެން ސޯބެ ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުމުގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފަ އެވެ. ގާނޫނުގައިވާ ގޮތުން މަޖިލިސް ގޮނޑިއެއް ހުސްވާތާ ފަސް ދުވަސް ތެރޭގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ޖެހެ އެވެ.

