މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށާއި، އެކަމަށްޓަކައި މިމަހުވެސް ތިން ޝިޕްމެންޓުގެ ތެޔޮ ލިބޭނެ ކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.
ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުން ކަމަށެވެ. އަދި ތެޔޮ ލިބޭނެކަމާމެދު ސުވާލެއް ނެތް ނަމަވެސް، ތެލުގެ އަގަކީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެއް ކަމުން، އެއީ ސަރުކާރަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު 18,000 މެޓްރިކް ޓަނުގެ ޑީސަލާއި، 5,400 މެޓްރިކް ޓަނުގެ ޕެޓްރޯލު ޝިޕްމެންޓެއް ވަނީ ގެނެސްފައެވެ. މީގެ އިތުރުން، އޭޕްރީލް 24 ވަނަ ދުވަހު 25,400 މެޓްރިކް ޓަނުގެ ޑީސަލް ޝިޕްމެންޓެއް ލިބޭއިރު، 28 ވަނަ ދުވަހު 28,000 މެޓްރިކް ޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ ”ތެޔޮ ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް. ތެޔޮ ސްޓޮކްކުރުމަށްޓަކައި ކުރިންވެސް ދެންނެވިހެން މެދުތެރެއިން އާއްމުކޮށް އޮމާނުން ގަންނަމުން އައި ކަމުގައިވިޔަސް ސިންގަޕޫރުންވެސް ހުންނާނީ ޝިޕްމެންޓުތައް ގެނެސްފައި. ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކެއް ނެތި ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ހަމަޖައްސާފައި“ ކަމަށެވެ.
ސިނާއަތްތައް ކުރިއަށްގެންދިއުމަށް ތެޔޮ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާނެކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސިކަން މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ. އަދި މުދަލުގެ އަގުތައް ހެޔޮކުރުމަށް މާލީ ސިޔާސަތުތަކަށް ގެނައި އިސްލާހުތަކާއެކު، ވިޔަފާރިތަކަށް ދޫކުރާ މާލީ އެހީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރިތަކަށް އެވްރެޖްކޮށް 5.6 މިލިއަން ޑޮލަރު ދޫކުރެވުނު ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ 106 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

