އިނގިރޭސިވިލާތުގެ ކިންގް ޗާލްސް 3 ގެ ކުރީގެ އަނބިކަނބަލުން، ޕްރިންސަސް ޑަޔާނާ އަވަހާރަވިތާ 27 އަހަރު ފާއިތުވެގެން ގޮސްފައިވީ ނަމަވެސް، އޭނާއަކީ އަދިވެސް މުޅި ދުނިޔޭގައި އިންޓަނެޓް މެދުވެރިކޮށް އެންމެ ގިނަ ބަޔަކު މަޢުލޫމާތު ހޯދާ އަދި ސާޗްކުރާ އެއް އަންހެން ޝަޚްސިއްޔަތެވެ.
1997 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވީ އުމުރުފުޅުން އެންމެ 36 އަހަރުގައެވެ. ނަމަވެސް، ”ރައްޔިތުންގެ ޕްރިންސަސް“ ގެ ނަމުން މަޝްހޫރުވި ޑަޔާނާގެ މަޤުބޫލުކަމަށް މިވީހާ ދުވަހު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޑަޔާނާއާ ބެހޭގޮތުން މީހުން އެންމެ ގިނައިން ސާޗްކުރަނީ އޭނާގެ ތަފާތު ފެޝަންސްޓައިލްތަކާއި، އޭނާ ކުރެއްވި އިންސާނީ ޚިދުމަތްތަކާ ގުޅޭގޮތުންނެވެ. ޚާއްސަކޮށް، ބިންގަނޑު އަޑީގައި ވަޅުލާފައި ހުންނަ މައިންތަކާ ދެކޮޅަށް އޭނާ ކުރެއްވި މަސައްކަތްޕުޅާއި، އެއިޑްސް ބަލިޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކުރެއްވި ކަންކަމަކީ އަދިވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކަންކަމެވެ.
މީގެ އިތުރުން، އިނގިރޭސި ޝާހީ އާއިލާއާ ގުޅޭގޮތުން އުފައްދާފައިވާ ”ދަ ކުރައުން“ ފަދަ ސީރީޒްތަކާއި، އޭނާގެ ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމް އަދި ޕްރިންސް ހެރީގެ ދިރިއުޅުމުގެ ޚަބަރުތައް ފެންމަތިވާ ކޮންމެ ފަހަރަކު، ޑަޔާނާއާ ގުޅޭ ސާޗްތައް އިންތިހާއަށް އިތުރުވެގެންދާކަން ގޫގްލް ޓްރެންޑްސްއިން ދައްކައެވެ.
ޑަޔާނާގެ މަޤުބޫލުކަން ދެމިއޮތް އަނެއް ސަބަބަކީ އޭނާގެ ދިރިއުޅުމުގައި ދިމާވި ހިތާމަވެރި ހާދިސާތަކާއި، ޝާހީ އާއިލާގެ ތެރޭގައި އޭނާ ތަހައްމަލު ކުރެއްވި ކަންކަމަށް އާންމުންގެ އޮތް ހަމްދަރުދީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ޖީލުތަކަށް ވެސް ޑަޔާނާއަކީ ”އައިކަން“ އެކެވެ. އޭނާގެ ސްޓައިލާއި، މިނިވަން ޚިޔާލުތަކަކީ މިއަދުގެ ޒުވާނުން ވެސް ނަމޫނާއަކަށް ބަލާ ކަންކަމެވެ.
ކޮންމެ އަހަރެއްގެ އޯގަސްޓް މަހު، ޑަޔާނާގެ މަރުގެ ހަނދާންތައް އާކުރާއިރު، އިންޓަނެޓުގައި އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ވައިރަލްވެއެވެ. މިއީ މަރުވިތާ އެތައް އަހަރެއްވީ ފަހުން ވެސް އިންސާނެއްގެ ނުފޫޒު މިހާ ވަރުގަދައަށް ދެމިއޮތް މަދު ހާލަތްތަކުގެ ތެރެއިން ހާލަތެކެވެ.
މިހާރުގެ ޒަމާނީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ސަބަބުން ޑަޔާނާގެ ލެގަސީ ނުވަތަ އޭނާ ދޫކޮށްފައިދިޔަ އަސަރުތައް ވަނީ އާ ޖީލުތަކާ ހަމައަށް ފޯރާފައެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ވެސް ޑަޔާނާއަކީ އިންޓަނެޓުގައި އެންމެ ”ޓްރެންޑިންގ“ އެއް ޝަޚްޞިއްޔަތުގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ބެލެވެއެވެ.

