ހއ. ތުރާކުނުގެ ތާރީހާއި، ސަގާފަތާއި، އެ ރަށުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހުޅުވުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަޑައިގެންފި އެވެ.
ތުރާކުނު މޮނިއުމެންޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ސައީދާއި އެކު ވަޑައިގަތީ، ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އެވެ.
މިއީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ފަރުމާކޮށްފައިވާ މޮނިއުމަންޓެކެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ރަށުގެ ޖިއޮގްރަފީއާއި، ތުރާކުނކީ ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށްކަމާއި މާޒީގައި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ނެވިންތަކެއް އުޅެފައިވާ ރަށެއްކެމެވެ.
މިނިސްޓަރު ސައީދު ވަޑައިގެން މޮނިއުމަންޓެއް ހުޅުވިއިރު، ސަރުކާރުގެ އިސްވެރިން ވަޑައިގެން ބޮޑެތި ރަސްމިއްޔާތުތައް އެކި ކަންކަމުގައި ކުރިޔަށް ގެންދާތީ ފާޑުކިއުންތައް އަމާޒުވެ އެވެ. އަދި އެތެރޭގެ ދަތުރުތަކުގައި ވެސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ސަރުކާރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ވަނީ ނިންމާފަ އެވެ.

