ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރާ އުމުރުގެ މިންގަނޑަށް ބޮޑު ބަދަލެއް ގެނެސް، އެންމެ މަތީ އުމުރަކީ 75 އަހަރު ކަމަށް އެ ބޭންކުން މިއަދު ކަނޑައަޅައިފިއެވެ.

މީގެ ކުރިން ބީއެމްއެލް އިން ލޯނު ދޫކުރަމުން އައީ އެންމެ މަތީ އުމުރަކީ 60 އަހަރުކަމަށް ބަލައިގެންނެވެ.

މި ނިންމުން ބަދަލުކޮށްފައިވާކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބޭންކުން ލޯނު ދޫނުކުރާ ކަމަށާއި، ނަމަވެސް މިހާރު ގެނައި ބަދަލާއެކު އެ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

60 އަހަރަށް ވުރެ އުމުރުން ދުވަސްވީ ބޭފުޅަކަށް ލޯނެއް ނުދެވޭ. މިސާލަކަށް 55 އަހަރު ވެފައިވާ ބޭފުޅަކަށް ވެސް މިހާރު ދެވޭނީ ފަސް އަހަރުގެ ތެރޭގައި ދައްކާ ނިންމޭނެ ލޯނެއް. މިހާރު އެ ބަދަލު މި ކުރީ 75 އަހަރަށް

މި ބަދަލުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ގެދޮރު ގަތުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ފައިސާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބޭންކުން ގަބޫލުކުރެއެވެ.

ވަކިން ހާއްސަކޮށް، މެދު އުމުރުގެ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު އިތުރުވެ، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވެގެންދާނެއެވެ. ޝަރީފް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު 20 ނުވަތަ 25 އަހަރަށް ލޯނު ބަހާލައިގެން ދެއްކުމުގެ ފުރުސަތު މެދު އުމުރުގެ ބޭފުޅުންނަށް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި މުހިންމު ބަދަލު ގެނައުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވުނު އެ ބޭންކުގެ ބޯޑު ބައްދަލުވުމުގައެވެ. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.

މި އަހަރުގެ މާލީ ނަތީޖާތަކަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މި މަހުގެ ފުރަތަމަ 15 ދުވަހާ ހަމައަށް ދޫކުރި ލޯނުތަކާއެކު، މިއަހަރުގެ މިހާތަނަށް އެ ބޭންކުން ވަނީ ޖުމލަ ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: