ދުނިޔޭގައި އުފެދުނު އެންމެ މަގުބޫލު އެއް ފަންނާނު، ”ކިންގް އޮފް ޕޮޕް“ ގެ ނަމުން މަޝްހޫރުވެފައިވާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބަޔޮޕިކް ފިލްމު ”މައިކަލް“ އޭޕްރީލް މަހުގެ 24 ގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.
ލަޔަންސްގޭޓް އާއި ޔުނިވަރސަލް ޕިކްޗަރސް ގުޅިގެން އުފައްދާ މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލުން ފެނިގެންދާނީ އޭނާގެ އާއިލާގެ މެންބަރެއް ކަމަށްވާ ޖައުފަރު ޖެކްސަންއެވެ. ޖައުފަރު އަކީ މައިކަލްގެ ބޭބެ ޖާމެއިން ޖެކްސަންގެ ދަރިފުޅެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ފިލްމުތައް ކަމަށްވާ ”ޓްރޭނިންގް ޑޭ“ އާއި ”އިކުއަލައިޒާ“ ފަދަ ފިލްމުތައް ގެނެސްދީފައިވާ އެންޓޮއިން ފޫކުއާއެވެ.
މި ފިލްމު އުފެއްދުމުގެ މައިގަނޑު ބޭނުމަކީ މައިކަލް ޖެކްސަންގެ ކާމިޔާބު މިއުޒިކީ ދަތުރާއި، އޭނާގެ އަމިއްލަ ދިރިއުޅުމުގައި ދިމާވި އެކި ހާދިސާތައް ދުނިޔެއަށް ހާމަކޮށްދިނުމެވެ. ފިލްމުގައި މައިކަލްގެ ”ޖެކްސަން 5“ ގްރޫޕުން ފެށިގެން، އޭނާ ދުނިޔޭގެ އެންމެ ބޮޑު ސުޕަރސްޓާރަކަށް ވެގެންދިޔަ ގޮތުގެ ތަފްސީލީ މަންޒަރުތައް ހިމެނޭނެއެވެ.

ފިލްމުގެ ޕްރޮމޯޝަންތައް މިހާރު އެމެރިކާގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، މައިކަލް ޖެކްސަންގެ އާއިލާގެ ފުރިހަމަ އެއްބާރުލުން މި މަޝްރޫއަށް ލިބެމުންދާކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުނެއެވެ. ޚާއްޞަކޮށް ޖައުފަރު ޖެކްސަން، މައިކަލްގެ ހަރަކާތްތަކާއި އަޑު ނަކަލުކުރުމުގައި ދައްކާ ހުނަރުވެރިކަމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
މިއީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކާއި މައިކަލް ޖެކްސަންގެ ފޭނުން މިހާރު އެންމެ އިންތިޒާރުކުރަމުންދާ އެއް ފިލްމެވެ.

