ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔަން ފެށުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިހެން ވިދާޅުވީ މަޖިލީހަށްސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަލްސަން ހުށަހަޅުއްވާފައިވާ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މިއީ މަސްވެރިކަމުގެ ގާނޫނާއި ހިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި، ފަރާތްތަކާއި މެދު ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމާއި މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާއި ބެހޭ އުސޫލުތައް މުރާޖައާ ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މި ބިލުގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ މަސްވެރި އާއިލާތައް ބިކަވެފައި ތިބިއިރު، ސަރުކާރުން އެކަމާ އަޅާނުލާކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ ހުވަދޫތޮޅީގެ މެންބަރަކު ފާޑުވިދާޅުވުމުން އެކަމާ އުފާވާކަމަށެވެ. އަދި ވަކި ދޯނިފަހަރަކަށް އިސްކަންދީގެން މަސްގަންނަ ވާހަކަ އާއި ތެޔޮ ނުލިބޭ ވާހަކަ ސަރުކާރު މެންބަރުން ދައްކަވަން ފެށުމުން، މަޖިލިސް ޒިންމާދާރުވާން އުޅޭކަމުގެ އިހުސާސް ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިންނަށް ޑީސެލް ލިބުމުގައި ދަތިތައް ހުުރުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަން ފާހަގަކުރެއްވީ ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަޒީލް އެވެ. އެގޮތުން ކިއުލައިންގައި އޮންނަ ދެ ދޯންޏެއް މަސް ކިރައި ނިމޭތަނުން 16 އިން 18 ރުފިޔާއަށް ބަދަލުވުން ބަލައިނުގަނެވޭނެކަމަށާއި މިއީ ރައްޔިތުންނަށް އެނގެން ޖެހޭ ކަންކަންކަމަށް ފަޒީލް ވިދާޅުވި އެވެ.
މަޖިލީހުގައި މި މައްސަލަ ފާހަގަކުރަން ޖެހުނީ ފަޒީލް ވިދާޅުވި ގޮތުގައި އޭނާ ވެސް ނިސްބަތް ވަނީ މަސްވެރި އާއިލާއަކަށް ކަމަށްވެފައި، ދާއިރާގެ ރައްޔިތުން އެކަން ފާހަގަކުރުމަށް އެދިފައިވުމެވެ.
މަސްވެރިކަމުގެ ގާނޫނަށް ހުޅަހަޅާފައިވާ މި އިސްލާހުތަކަށް ތާއީދުކޮށް ޝަމްހީދު ވަނީ ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން، އައު ބާވަތެއްގެ މަސްވެރިކަމަށް ފުރުސަތު ދޭއިރު އެއީ ކޮން ބާވަތެއްކަން ސާފުނުވާތީ ތަފްސީލު ކުރަންޖެހޭކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެމްޑީޕީ ސަރުކާރުން ފެށި ”ގޭދޮށު މަސް ފެކްޓްރީ“ އާއި ”އޯފްޝޯ ޕްލެޓްފޯމް“ ގާއިމުކުރުމުގެ މަޝްރޫއުތައް މި ސަރުކާރުން ބަލައިގަނެ، ގާނޫނުގައި ހިމެނުމުން އެކަމަށް ޝަމްހީދު މަރުހަބާ ވިދާޅުވިއެވެ.
ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވެރިކަމަށް އައީ ބޮޑުކަންނެލި ކިލޯއެއް 80 އާއި 100 ރުފިޔާއާ ދެމެދު ގަންނާނެކަމަށާއި، މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޭނެކަމަށް ރައްޔިތުންނަށް ވައުދުވުމަށް ފަހުއެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރުވެގެން ދިޔައިރު މި ވައުދުތައް ނުފުއްދި، މަސްވެރިން މިއަދު ތިބީ ވަރަށް ދަތި ހާލަތެއްގައިކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ދައުލަތުގެ ހަޒާނާ މިއަދު އޮތީ ފޭއިލްވެފައިކަމަށާއި، އިސްރާފު ބޮޑުވުމުގެ ސަބަބުން ތެޔޮ ގަންނާނެ ޑޮލަރު ހުރިކަން ނޭނގޭ ކަމަށެވެ. އަދި މަސްވެރިކަމުގެ މިނިސްޓަރަށް ރުހުން ދިނުމުން، ހުއްޓިފައިވާ މަސްވެރިކަން އަލުން ފެށޭނެ މަގެއް ފެންނާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

