ރާއްޖޭގެ އެގްޒެކެޓިވް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުގައި މުއައްސަސާތައް އޮންނަ އޮތުން ބަދަލުވާންޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ޒާހިރު ވަނީ ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް އޮތް ސިޔާސީ ނުފޫޒާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އިސްލާހީ ބަދަލުތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ.
ޒާހިރު ވިދާޅުވި ގޮތުގައި، ދުސްތޫރީ އިސްލާހުތަކުގެ ތެރެއިން، މުއައްސަސާތަކަށް އޮންނަ ސިޔާސީ ނުފޫޒު ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް އޭނާ ތާއީދު ކުރެއެވެ.
ޒާހިރު ވިދާޅުވީ ރާއްޖޭގެ ޒަމާނީ ސިޔާސީ ތާރީހަށް ބަލާއިރު، މިހާތަނަށް ފުރިހަމަ މާނައިގައި މިނިވަންކަމާއެކު ހިނގާ މުއައްސަސާއެއް ފެނިފައެއް ނުވާކަމަށެވެ. އަދި ސިޔާސީ ނުފޫޒަކީ މުއައްސަސާތަކުގެ މަސައްކަތަށް ހުރަސްއަޅާ ދާއިމީ މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.
އެގޮތުން މުއައްސަސާތަކުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތުމަކީ އެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލޭ ކަމެއްކަމަށާއި، އެކަން ހުއްޓުވަން ނުވަތަ އިސްލާހު ކުރަން ޖެހޭކަމަށް ޒާހިރު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމާ ބެހޭގޮތުން ޒާހިރު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމަކާއި ބަރުލަމާނީ ނިޒާމެއްގެ ސިފަތައް އެކުލެވޭ ވަރަށް ބޮޑަށް މަސްހުނި ނިޒާމެއް ކަމަށެވެ.
ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލިސް މެންބަރުންނަށް ވޯޓު ދިން ނަމަވެސް، ދައުލަތުގެ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ދައުރު އެހިސާބުން ނިމިގެން ނުވާނެކަން ޒާހިރު ފާހަގަކުރެއްވި އެވެ. އެގޮތުން، ޤާނޫނުއަސާސީއަށް ގެނެވޭ ބޮޑެތި ބަދަލުތަކުގައި ރައްޔިތުންގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކުރުމުގެ މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.
މުހިންމު ކަންކަމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އޮންނަ ނިޒާމެއް ބިނާ ކުރަން ޖެހޭއިރު ޒާހިރު ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖޭގައި ފެނިފައި ވަނީ ވަރަށް މަދު ރެފަރެންޑަމްއެކެވެ. އަދި ބޮޑެތި ނިންމުންތަކުގައި ގައުމީ ފެންވަރުގެ އިސް ބޭފުޅުންގެ ބަހަށް ބަރޯސާވުމުގެ ބަދަލުގައި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ބޭނުން ކުރަންޖެހޭކަމަށް ޒާހިރު ވަނީ ވިދާޅުވެފަ އެވެ.
މުހިންމު ކަންކަމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އޮންނަ ނިޒާމެއް ބިނާކުރަންޖެހޭ ކަމަށާއި، މިކަމުގައި ހަމައެކަނި ޤައުމީ ފެންވަރުގެ ވެރިންގެ ބަހަށް ބަރޯސާވުމުގެ ބަދަލުގައި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުވެސް އިޞްލާޙީ މަސައްކަތްތަކުގައި ހިމަނަންޖެހޭ
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތައް ޖަމާވެފައި އޮތުމާއި ގުޅޭގޮތުން ޒާހިރު ވާހަކަ ދެއްކެވި އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް އޮތް ބާރުތައް ބަދަލުކޮށް، ބާރުތައް ހަމަހަމަކުރުމަށްޓަކައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަނުކުރުން ފަދަ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބަސް އިވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

