މާލޭގައި ބިދޭސީ ދެ މީހަކު އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީ ހިންގައި ދެ މީހުން ޒަހަމް ވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މިއަދު 11:26 ހާއިރު މާފަންނުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ލިބުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ބެލި ބެލުމުން މި މާރާމާރީ ހިންގާފައި ވަނީ ދެ ބިދޭސީއެއްގެ މެދުގަ އެވެ. އަދި އެއީ އިންޑިއާ ދެ ފިރިހެނުންނެވެ.
މާރާމާރީގައި، އެ ދެ މީހުން ވެސް ވަނީ ތޫނު އެއްޗަކުން އެކަކު އަނެކަކަށް ހަމަލާދީ ޒަހަމްކޮށްފަ އެވެ.
ދާދިފަހުން ހުޅުމާލެގައި ވެސް ވަނީ ތޫނު އެއްޗަކުން ހަމަލަދީ ބަޔަކު ޒަހަމްކޮށްލާފައެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ، ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ.
ތިން މީހުންނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު މި ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާ ކަމަށްބުނެ އައިއެސްގެ ދިވެހި ޓެލެގްރާމްގައި ވަނީ ވީޑިއޯއެއް އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި މޫނު ފޮރުވައިގެން ތިބީ ވެސް ތިން މީހެކެވެ. މި ހަމަލާ ދިނީ ހަރުކަށި ބައެއްކަން ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

