މާލޭ ސިޓީގެ މަގުތައް މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތްތައް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް، ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
މިއަދު އެ ކުންފުނިން ބުނީ، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ދާ ކަމަށާއި ފުރަތަމަ ހަދަން ހަމަޖެހިފައި ވަނީ ކަނބާ އައިސަ ރަނި ހިނގުން ކަމަށެވެ. އެއީ އައިޖީއެމްއެޗް ހުންނަ މަގެވެ.
އާރުޑީސިން ބުނީ މަގުތައް އަލުން ހަދާއިރު، ހަތަރު ބާވަތެއްގެ މަގު ހަދާނެ ކަމަށެވެ. އެއީ އާޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ޕެޑެސްޓްރިއަން ރޯޑެވެ. ފިޔަވަހިތަކަށް ބަހާލައިގެން އެތަން ހަދާނީ ކަރަންޓާއި ފެނާއި ނަރުދަމާ އާއި ޑީވޯޓަރިން އަދި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅައިލެވޭ ގޮތަށެވެ.
ކަނބާ އައިސަ ރަނި ހިނގުމަކީ މާލޭ އަށް ވިއްސާރަ ކުޜާ ނަމަ އެންމެ ބޮޑަށް ފެން ހެދޭ އެއް މަގެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އާރުޑީސީ އާއި މާލެ ސިޓީ ކައުންސިލުން ސޮއިކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ. އޭރު އެ ކުންފުނިން ބުނީ މި މަސް ފެށުމުގެ ކުރިން 462 މިލިއަން ރުފިޔާގެ މަޝްރޫއު ފަށާނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޝިފާ މުހައްމަދާއި އާރުޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.
އެ މަސައްކަތް ނިންމަން ދީފައިވަނީ 2 އަހަރާއި ބައިގެ މުހުލަތެކެވެ.

