ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކޮށްފައިވާއިރު، އޭގެ ތެރޭގައި، މުޅިން އަލަށް އެކުލަވާލަންޖެހޭ 24 ބިލަކާއި އެކި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ 32 ބިލެއްވެސް ހިމެނެއެވެ. އެ ބިލުތަކުގެ ތެރެއިން 10 ބިލެއް މިހާރު ވަނީ އެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައެވެ. އެއީ:
1 ނަފްސާނީ ޞިއްޙަތުގެ ބިލު
2 ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު
3 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
4 ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
5 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
6 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
7 ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
8 ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
9 އިންޝުއަރެންސްއާބެހޭ ބިލު
10 ތަފާސްހިސާބުގެ ބިލު
މީގެއިތުރުން އެ ބިލުތަކުގެ ތެރެއިން، ނަފްސާނީ ޞިއްޙަތުގެ ބިލާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

