ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމަށް 15 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވެއެވެ. އެމަނިކުފާނު އިސްކަން ދެއްވި ތަރުތީބުން ނަންތައް ހިމަނުއްވައި ކޮމިޓީ އަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ރާއްޖޭގެ ރައްޔިތުން އިތުރު ތައާރަފަކަށް ބޭނުންނުވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް އެވެެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އިއުލާން ކުރެއްވި މަޖިލީހަށް ރައީސް ސޯލިހް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން އެމަނިކުފާނު އިސްކަން ދެއްވި ތަރުތީބުގައި އެންމެ ފުރަތަމަ އޮތީ ސަންގު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމަވެ. ދެން އޮތީ ވީޓީވީގެ ނޫސްވެރިޔާ އައިމިނަތު އަމީނާގެ ނަމެވެ.
ބްރޯޑްކޮމްގެ މެންބަރުންތަކެއްގެ މަގާމު ހުސްވުމުން މީގެ ކުރިން ވެސް އެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ލިސްޓެއްގައި ޝިފްލާގެ ނަން އެންމެ ކުރީގައި އޮތެވެ. އެކަމަކު ޝިފްލާގެ ބަދަލުގައި މަޖިލީހުން ރުހުން ދިނީ ރާއްޖެޓީވީ އާއި ހަވީރު ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފަށެވެ.
ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް ރައީސް ސާލިޙް ފޮނުއްވިންފުޅުތައް.
1، ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
2، އައިނިމަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ
3، އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި
4، ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
5، މުހައްމަދު ފަޒީން، ހޭޒްލީން، ބ. ތުޅާދޫ
6، ޒުބައިރު އަހްމަދު މަނިކު، ގ. މަލްވިނަ
7، މޫސާ ރިލްވާން، މ. ހާވިލާ
8، އަބްދުލް އަޒީޒް ޖަމާލް އަބޫ ބަކުރު، މާޒީ، ލ. މާވަށް
9، ހުސައިން ފައިޒް، މެޑޯޒް، ދ. ކުޑަހުވަދޫ
10، އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް
11، އިސްމާއީލް ސާޖިދު، މއ. ވިލާރޮނދި
12، އަހްމަދު ހަލީލް، މއ. ހަތާ
13، މުހައްމަދު ރަޝީދު އަހުމަދު، ހ، ދޮންއަންނާރުގެ
14، އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
15، އައިޝަތު އަރީފާ، ތިބިރޯޒުގެ، ގދ. ގައްދޫ
މީގެ 21 އަހަރުކުރިން އުމުރުން އެންމެ 19 އަހަރުގައި އެއްވެސް ތަމްރީނެއް ނެތި ކެމެރާ ކުރިމައްޗަށް އިއުލާން ކިޔުމަށް ޝިފްލާ އަރައިވަޑައިގަތުމަކީ އޭރުގެ ޓީވީ މޯލްޑިވްސްގެ ވެރިން އަންތަރީސް ކުރުވި ކަމަކަށް ވެގެންދިޔައެވެ. އެއީ އެ އިއުލާން ކިޔުމުގައި ޝިފްލާގެ ދޫ ފަސޭހަކަމާ ދިވެހި ބަހަށް ރޯފިލާފައި، ފަރިތަކަމާއެކު، ރާގާއި ހަމަ ގެންގުޅުނު ގޮތުގެ ސަބަބުންނެވެ. 1998 ވަނަ އަހަރު، އިއުލާން ކިޔުމަށް ޝިފްލާ ކުރައްވަން ފެއްޓެވި މަސަައްކަތް ބަދަލުވެގެންދިޔައީ ޚަބަރު ކިޔުމާއި ޕްރޮގްރާމްތައް ހުށައަޅައިދިނުމަށް ޝައުގުވެރިކަން ގެނުވައިދިން މަސައްކަތަކަށެވެ.
ޚަބަރާއި މައުލޫމާތަކީ މިހާރުގެ ޓެކްނޮލޮޖީ ޒަމާނުގައި އާދައިގެ ކަމަކަށް ވިޔަސް ޝިފްލާގެ އަޑު އިވެން ފެށިއިރު އެ ޚިދުމަތަކީ މިހާރުގެ ގޮތުން ބުނާނަމަ ވަރަށް ކްލެސިކް ޚިދުމަތެކެވެ. ޓީވީ ޗެނަލަކަށް އޮތީ ޓީވީ މޯލްޑިވްސް އެކަންޏެވެ.
ޚަބަރު ސްޓޫޑިއޯގައި ބޭނުންކުރާ އާލާތްތަކާއި ޚަބަރަށް ތައްޔަރުވާގޮތްވެސް ވަރަށް ކްލެސިކެވެ. އެހެން ނަމަވެސް ޚަބަރު ކިޔުމާއި ޚާއްސަ ޝޯވްތައް ހުށައަޅައި ދިނުމުގައި މިއަދެކޭ އެދުވަހެކޭ ޝިފްލާގެ ވައްޓަފާޅިއަކަށް ބަދަލެއް ނާދެއެވެ.
އެ ދުވަސްވަރު ހަބަރު ކިޔަމުން އައީ އަތުލިޔުން ރީތި ކުދިން ލައްވާ ކަރުދާސްތަކެއްގައި ލިޔުމަށްފަހު އެ ކަރުދާސްތައް ތަތްކުރުމަށްފަހު އޮޓޯކިއުއަށްލާ އޮޅާލުމަށްފަހުގައެވެ.
ޚަބަރު ސްޓޫޑިއޯގައި ބޭނުންކުރާނީ ޓޭޕެވެ. އެއީ ކޮންމެ ވޭރިއަސްއެއްގައި ޓޭޕް ލައްވަ ލައްވާފައި ނަގައިގެން ޚަބަރުކީ ޒަމާނެވެ. ކިޔާ ކޮންމެ ޚަބަރަކަށް ޓޭޕް ލައްވައިގެން ވޭރިއަސް ޕްލޭ ކުރާނެ ބަޔަކު ތިބޭއިރު ޝިފްލާގެ ހުށިއާރުކަމާ ވަގުތަށް ޚަބަރު ފެށުމާ އެއް ޚަބަރުން އަނެއް ޚަބަރަށް ހުށިއާރުކަމާއިއެކު ގޮސް ނިންމާލުމުގެ ނަތީޖާ އަކީ ނޫސްވެރިކަމުގެ ދާއިރާއިން އާ ހަރުފަތްތަކަކަށް ދާން އަޒުމް ކަނޑައެޅުމެވެ.

ޓީވީ މޯލްޑިވްސް ގައިވެސް އަދި މިހާރުގެ ޗެނަލް ތަކުގައިވެސް އަލަށް ޚަބަރު ކިޔާ ކުއްޖަކު ޕްރައިމް ޓައިމް ކަމަށްވާ މެންދުރުފަހު ދޭކާ އަދި ރޭގަނޑު 8 ގެ ޚަބަރު ކިޔުމަށް ގިރާ ކުރަންޖެހޭ ބިޔަ ކަނޑެއް އޮވެއެވެ. އެއީ އަތޮޅު ޚަބަރުން ގޮސް 10 ގެ ޚަބަރާ އަދި ހަވީރު 4 ގެ ޚަބަރު ކިޔައިގެން ގިރާކުރަންޖެހޭ މާ ކަނޑުގެ ބިޔަ ރާޅުތަކެވެ.
ޝިފްލާ ވަނީ އެ ބިޔަ ރާޅުތައް ގިރާ ކުރުމުގެ ބަދަލުގައި މަތިން ގޮސް މެންދުރު 2 ގެ ޚަބަރަށް އަރައިވަޑައިގެން ބެލުންތެރިންގެ ސަމާލުކަން ހޯއްދަވާފައެވެ. އެއީ ހަޔާތުގައި ޝިފްލާ ކިޔުއްވި ފުރަތަމަ ޚަބަރެވެ. ޚަބަރު ކިޔާ މީހަކީ ތިމާ ހިތް ރުހުނަސް ނުރުހުނަސް ކޮންމެ ޚަބަރެއް ކިޔުމުގައި ސާބިތުކަންވެސް ދައްކަންޖެހޭ ބައެކެވެ.
ޝިފްލާ ވިދާޅުވާގޮތުން އޭނާ ކިޔުއްވި ޚަބަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ޚަބަރަކީ އީވާން ނަސީމުގެ މަރާއިގުޅިގެން ކިޔުއްވި ޚަބަރެވެ. އެ ހަނދާންތަކާ އެދުވަހުގެ އިހުސާސަތައް ޝިފްލާގެ ހިތުގައި އަދިވެސް ބިންވަޅުނެގިފައިވެއެވެ. އެއިރަކު ރިސްކު އެލަވަންސެއް ނުލިބެއެވެ. އެ އެލަވަންސް ތައާރަފްވެގެންދިޔައީ އޭގެ ފަހުންނެވެ. ޝިފްލާ ވިދާޅުވާގޮތުން އެ ޚަބަރު ކިޔާފައި ނިކުމެގެން ޓީވީއެމް ވޭނުގައި ގޮސް ލާސާނީ މަގުން ދިޔައިރު ބަޔަކު ތިބީ ދުއްވަމުންދިޔަ ވޭން ތަޅާ ސުންނާފަތިކޮށްލާ ހިސާބުގައެވެ. އެއީ ހަމައެކަނި އެ ޚަބަރު ކިޔުއްވިމަށްޓަކައެވެ.
ޝިފްލާ ސިފަކުރައްވެގޮތުގައި އެދުވަހަކީ ހިތްދަތި ބިރުވެރި ތަޖުރިބާއެއް ކުރެވުނު ދުވަހެކެވެ. އެހެން ނަމަވެސް އެ ހާދިސާއިން ޝިފްލާގެ އަޒުމެއް ގުޑުވައެއް ނުލެވުނެވެ. ހިތްވަރު ނެރުއްވީ ލިބިވަޑައިގެންނެވި ތަޖުރިބާތަކާއި ތަމްރީނުތަކާއި އެއްވަރަކަށް ނޫސްވެރިކަމުގެ ދާއިރާއިން އިތުރަށް އުނގެނިވަޑައިގަތުމަށެވެ.
ޝިފްލާއަކީ އާއިލާ ބެލެހެއްޓެވުމުގެ ޒިންމާ ނަންގަވަމުން ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ އަދި ޑިގްރީ ހާސިލްކުރައްވައި، މިހާރު މާސްޓަރޒް ވެސް ވަނީ ފުރިހަމަ ކުރައްވާފައެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ޝިފްލާގެ ޚިދުމަތްތައް ވަރަށް ގިނައެވެ. އެ އަޑަކަށް އެ ހުށައެޅުމަކަށް ބަދަލެއް ނާދެއެވެ. މިއަދު ޝިފްލާއަކީ ސަންގު ޓީވީގެ އެއްވަނަ ނިއުސް އެންކަރއެވެ. އަދި ޝިފްލާ ވަނީ ބްރޯޑް ކާސްޓިން ކޮމިޝަންގެ މަގާމަށް ކުރިމަތިލައްވައި ރައީސުލް ޖުމްހޫރިއްޔާގެވެސް އެއް ނަންބަރު ޗޮއިސްއަށް މީގެކުރިން ވެސް ވެވަޑައިގެންފައެވެ.
ސަންގު ޓީވީގެ ބެލުންތެރިންނަށް ޝިފްލާ ކޮންމެ ރެއަކު ބާއްޖަވެރި ރޭނގަޑަކަށް އެދިލައްވާތީ ސަންގު ޓީވީ އިން ޝިފްލާއަށް އަބަދުވެސް އެދެނީ ބާއްޖަވެރި ދުވަސްތަކަކަށެވެ.

