ގިނަ ދިވެހިން ފޮތާއި އެހެނިހެން ލިއުން ފަދަ ތަކެތި ކިއުމަށް ޝައުގުވެރިކަން ނުހުންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދާ ލެޓްސްރީޑް ވޯކްޝޮޕް ޝަރަފްވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފަޒްނާ ވިދާޅުވީ ގިނަ ދިވެހިން ފޮތާއި އެހެނިހެން ލިއުންތައް ފަދަ ތަކެތި ކިއުމަށް ޝައުގުވެރިކަން ނުހުންނަކަން އެންމެ ރަނގަޅަށް ހާމަވަނީ އޮންލައިން ނޫސްތަކުގެ ކޮމެންޓު ބައި ބަލާލުމުން ކަމަށެވެ.
ރާއްޖޭގެ ހަބަރުތައް ބަލަން އޮންލައިން ނޫސްތަކަށް ވަންނަ ގިނަ ބަޔަކު ކޮމެންޓް ކުރަނީ ހަމައެކަނި ޚަބަރުގެ ސުރުޚީ ކިޔާލުމަށްފަހު، އެ ޚަބަރުގެ ތަފްސީލުގައި އޮތްއެއްޗެއް ރަނގަޅަށް ނުކިޔާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި ނޫސްތަކުގައި ހުންނަ ސުރުޚީ ތަކަށްވުރެ އެ ސުރުޚީގެ ދަށުން އަންނަ މައުލޫމާތުތައް ކިޔުން މާ މުހިންމު ވާނެއެވެ. އަދި އެއްވެސް ލިއުމެއްގެ ހަގީގަތް އެ ލިއުމެއް ނުކިޔައި ދެނެގަންނަން ނޭނގޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ ކަމަކާ މެދު ވެސް ބަހެއް ބުނެ، ނުވަތަ ކޮމެންޓެއް ކުރަން ވާނީ އެކަމުގެ ހަގީގަތް އެނގިގެން. އެހެން ނޫން ނަމަ، އެމީހާއަށް ހުރެވޭނީ ނޭނގުމެއްގެ ތެރޭގައި. ފޮތާއި އާޓިކަލްތައް ކިޔާ ވަރަކަށް ސިކުނޑި ތަނަވަސްވާނެ،“ ފަޒްނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަޒްނާ ވިދާޅުވީ ކޮންމެ އުމުރެއްގެ މީހެއް ކަމުގައިވިޔަސް، ފޮތް ކިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. ކިޔަވާ ދަރިވަރެއް ކަމުގައިވާ ނަމަ، އެ ފޮތްތަކުން ލިބޭ މައުލޫމާތުގެ އަލީގައި ދިރިއުޅުމުގެ އެކި ކަންކަމާ ކުރިމަތިލައި ކާމިޔާބީ ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

