މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ. އެގޮތުން މި ފަހުން ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.99 ޑޮލަރަށް އުފުލިފައި ހުރި ނަމަވެސް، މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ އަގަށް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ.
މި ބަދަލާއެކު މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.75 ޑޮލަރަށެވެ. ”ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ،“ ވަޒީރު އަމީން ވިދާޅުވިއެވެ. މި ބަދަލަކީ މިދިޔަ ފެބްރުވަރީ މަހުގެ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ ތެރެއިން ގެނެވުނު ލުޔެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިވަގުތު ފަތުރުވެރިން އަންނަ ނިސްބަތް 4.8 އިންސައްތަ ދަށްވެފައިވީ ނަމަވެސް، ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ރާއްޖެއަށް އަލިމަގެއް ފެންނާނެ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. ހާއްސަކޮށް މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތައް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން އަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ތިން ފްލައިޓަށް އިތުރުކުރުމަށް ޝެޑިއުލް ބަދަލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބްރިޓިޝް އެއާވޭސް އިން ކުރިއަށް އޮތް ސީޒަންގައި ރާއްޖެއަށް ކުރާ ދަތުރުތައް 32 އިންސައްތަ އިތުރުކުރުމަށް ރާވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

