ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަކީ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުން ދިނުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން އުފެދިފައިވާ ބައެއް ސުވާލުތަކަށް ރައްދު ދެއްވަމުންނެވެ.
މީކާއިލް ވިދާޅުވީ ހޯމް މިނިސްޓަރު އިހުސާންއަށް މަޖިލީހުން ރުހުން ދިނުމަށް ނެގި ވޯޓުގައި އޭނާ ވޯޓު ދެއްވާފައިވާނީ އެ މަނިކުފާނަށް ރުހުން ނެތް ކަމަށެވެ. މިގޮތަށް ވޯޓު ދެއްވި ސަބަބުތަކުގެ ތެރޭގައި ޑީއެންއާރް ޑޭޓާބޭސްގެ މައްސަލަ އާއި، ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު އާންމު ކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ބައެއް މެންބަރުން ވެސް ފްރީ ވިޕެއްގެ ދަށުން ވަޒީރަށް ރުހުން އޮތް ކަމަށް ވޯޓު ދީފައިވާކަން މީކާއިލް ފާހަގަކުރެއްވިއެވެ. ނަމަވެސް އޭނާގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ފިއްޓޭ ވެސް ވޯޓު ދެއްވީ ރުހުން ނެތް ކަމަށެވެ. މީކާއިލް ވިދާޅުވި ގޮތުގައި މިއީ އެއްވެސް ހާލެއްގައި ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅުންހުރި ކަމެއް ނޫނެވެ.
ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ހަރުދަނާ ކުރުމަށް ވިސްނުންތަކެއް ގެންގުޅުއްވާކަން ހާމަކުރައްވަމުން މީކާއިލް ވިދާޅުވިއެވެ.
”އަޅުގަނޑުގެ ޗެއަރޕަރސަންކަމުގައި، ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަމެވެ.“
މި ބަދަލުގެ ބޭނުމަކީ މިފަދަ މުހިންމު ނިންމުންތަކުގައި ޕާޓީގެ ނިންމުންތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

