ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ”އަދަދު“ ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނޭ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ވަޒީރު ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
އިހުސާން ވިދާޅުވީ ތަހުގީގަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ތަހުގީގުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.
”މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރުކަން ކުރެއްވި ގޮތަށް ނޫން“ އިހުސާން ވިދާޅުވިއެވެ.
”އަދަދު“ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ފެށުމާ ގުޅިގެން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވައި ޚަބަރު ފެތުރި މީޑިއާއެއްގެ ހެޑް އޮފީސް ރެއިޑްކޮށް، އެ މައްސަލަ ޖިނާއީ ތަޙުޤީޤެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޙައްޤާއި މަސްއޫލިއްޔަތު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ. މިއީ ނޫސްވެރިކަމަށް ހަމަލާދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެއްވެސް އަސާސެއް ނެތި ބޮޑު ތުހުމަތެއް ކުރުމަކީ ނޫސްވެރިކަމެއް ނޫން ކަމަށެވެ. އެއީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، އާއިލާއަށާއި، އަދި ދައުލަތުގެ އެންމެ މަތީ މަޤާމަށް ދެވޭ ސީދާ ހަމަލާއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. ދޮގު ވާހަކަތަކުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ފިތުނަ އުފެދި، ދައުލަތަށް އޮންނަ އިތުބާރު ގެއްލޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގައިވެސް، އަބުރަށް އަރައިގަތުމާއި ދޮގު ޚަބަރު ފެތުރުން ފަދަ ކަންކަމުގައި ތުހުމަތު ކުރެވޭ ހާލަތްތަކުގައި، އެކަންކަން ތަޙުޤީޤު ކުރުމުގެ ބާރު ކަމާބެހޭ މުއައްސަސާތަކަށް އޮންނަންވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ފުލުހުންގެ މުއައްސަސާއިން އެ ދަމަހައްޓަނީ ޤާނޫނުއަސާސީ ކަމަށް ވިދާޅުވެ، ވަޒީރު ވަނީ ތަހުގީގީ އިދާރާތަކުގެ މިނިވަންކަމަށް ބާރުއަޅުއްވާފައެވެ.

