މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލްެ) ގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އައު ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ދިނުމަށް އެމްއޭސީއެލްއަށް ރައީސް ޔާމީންގެ ސަރުކާރުގައި އިރުޝާދު ދީފައި ނުވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ދިނުމަށް އިރުޝާދު ދީފައިވާ ކަމަށް މި ސަރުކާރުން ހާމަކުރުމާއި ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އައު ސީޕްލޭން ޓާމިނަލްއާ ބެހޭ ގޮތުން މި ސަރުކާރުގެ އިސްވެރިން ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން ސީޕްލޭން ޓާމިނަލް ވަކި އަގެއްގައި ވަކި ބަޔަކަށް ދިނުމަށް އެމްއޭސީއެލްއަށް އިރުޝާދު ދީފައި ނުވާނެ ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންގެ ބޮލުގައި އިލްޒާމް އަޅުވައި ވާހަކަ ދައްކަމުން ދަނީ މި ސަރުކާރުގެ ދެއުޅިއެއްނުވާ އިގްތިސާދީ ސިޔާސަތައް ރައްޔިތުންގެ އިތުބާރު ގެއްލިފައި ވާތީ ކަމަށެވެ.
މީގެއިތުރުން އައު ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ވަކި އަގެއްގައި ދިނުމަށް ޕީޕީއެމްގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ މި ސަރުކާރުން ވާހަކަ ދައްކަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލައި، ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށް ޕީޕީއެމް އަދި ޕީއެންސީން ދެކޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކުރީގެ ސަރުކާރުގައި މަޝްވަރާތައް ފަށައި، ޑްރާފްޓް އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަން ތައްޔާރުވީ އާ ޓާމިނަލުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭގޮތަށެވެ.
އަމީރު ވިދާޅުވީ މި ސަރުކާރުން ނިންމީ އެމްއޭސީއެލްއާއި ދައުލަތަށް އެންމެ ފައިދާވާނެ ގޮތަކީ އެމްއޭސީއެލް އިން އެ ޓާމިނަލް ހިންގުމުން ކަމަށެވެ. އެގޮތުން މުޅި ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދޫކުރުމަށް ވިސްނާފައި އޮތް ގޮތް ބަދަލު ކުރުމަށް ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

