ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައެއްގެ ހިތްދަތި ޙާލަށް ސަރުކާރުންދެއްވީ ބީރު ކަންފަތެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް އުފަން މިޝްކާ އަކީ، ތުއްތުތުއްތު ތިން ކުދިންގެ މައެކެވެ. އެކަނިވެރި މައެކެވެ. ފިންޏަކުން އަދި ކީއްތަ، ގިންޏަކުން ދަފަރާވާނެ ހިޔާވައްސެއްނެއް ނިކަމެތި ކަނބަލެކެވެ. މިޝްކާގެ މަންމަގެ ގެދޮރު މާލޭގައިހުރި ނަމަވެސް، އެ ގެއަކީ ޖާގައިގެގޮތުން ތަނަވަސްކަމެއްނެތް ގެއެކެވެ. ފަސްފޫޓު ހަތަރުފޫޓުގެ ކުޑަކުޑަ ކޮޓަރިއަކާއި ސިޓިންރޫމެއް ހިމެނޭ، އެ ގޭގައި ދިރިއުޅެންތިބި މީހުންނަށް ބަލާއިރު ގޮތްހުސްވާވަރުވެއެވެ. އެހެނީ މިޝްކާގެ މަންމައަކީ ދަރިންގިނަ މީހެކެވެ. ކަން މިހެންހުރިއިރު މިޝްކާއާއި މިޝްކާގެ ދަރިންނަށް، އެ ގޭގައި އުޅެވޭނީ ކޮންފަދައަކުންތޯއެވެ!

މީގެ އިތުރުން، މިޝްކާއާއި މިޝްކާގެ ދަރިންނަށް، އެ ގޭގައި ނޫޅެވޭނެ އިތުރު ސަބަބަކަށް އަވަސް ކަޅިއެއް އެއްލަވަން ހިންގަވާށެވެ! އަޅުގަނޑު ނަޒަރެއް މިދެނީ، މިޝްކާގެ ހިތްދަތި މާޒީގެ ޞަފުހާތަކެއްގެ މައްޗަށެވެ. މީގެ ފަސްއަހަރު ކުރިއެވެ. އޭރު މިޝްކާ ދިރިއުޅެމުންއައީ، މިޝްކާގެ މަންމަގެ ގޭގައެވެ. އަޅުގަނދޫ އިސްވެ ބަޔާންކުރި ފަސްފޫޓު ހަތަރުފޫޓުގެ ކުޑަކުޑަ ކޮޓަރީގައެވެ. އޭރު މިޝްކާގެ ދޮށީ ދަރިފުޅު މާޝާ( އަސްލު ނަމެއްނޫން) ގެ ޢުމުރުން އެންމެ ހަތަރު އަހަރެވެ.

މިޝްކާގެ އެއްބަނޑު ބޭބެ ޒާހިދަކީ އެހެން ގެއެއްގައި ދިރިއުޅެމުންދާ މީހެއްކަމުގައިވިޔަސް، އޭނާއަކީ މިޝްކާ ދިރިއުޅެމުންދާ ގެއަށް، ވަރަށް ގިނައިން ގޮސްއުޅޭ މީހެކެވެ. ޒާހިދުގެ ވެސް މަންމަގެ ގެއަށްވުމާއެކުގައެވެ. މިހެންގޮސް އުޅުމުގެތެރޭގައި ތުއްތުތުއްތު މާޝާއަށް ޖިންސީ ގޯނާކުރަން ފެށިއެވެ. ވޮށިމަސް މިޔަރު މަސްބުރިއަށް ބަލަހައްޓައިގެން އޮންނަހެން، ޒާހިދުގެ ލޯ އަމާޒުކޮށްކޮށް ހުންނަނީ، އެ މައުސޫމު ކުޑަކުޑަ ހަށިގަނޑުގެ ޖިންސީ ގުނަވަންތަކަށެވެ. ލަދެއްތަދެއް އަގަލެއް ކުލުނެއް ކޮބައިތޯއެވެ! އެންމެ ފަހުން ބަނޑުހައިވެފައިވާ މިނިކާވަގެއް ފަދައިން، އެ ފަކީރު ޝިކަރާކޮށްލިއެވެ. މީގެ ފަންސަވީސް އަހަރު ކުރިން ވެސް، ޒާހިދުވަނީ ދެ މަހުގެ ތުއްތުތުއްތު ކުއްޖަކު ހަމަ އެފަދައިން ޝިކާރަކޮށްލައިފައެވެ. ހަމަ އެހެންމެ މީގެ ވިއްސަކަށް އަހަރު ކުރިން ޒާހިދުވަނީ، ފަސްއަހަރުގެ ކުއްޖަކު ޝިކާރަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. ކަން މިހެން ހުރިއިރު، މިޝްކާއަށް އެ ގޭގައި ދިރިއުޅެވެން އެބައޮތްތޯއެވެ؟

މިހާ ހިސާބުން، ތިޔައިގެތެރެއިން ބޭފުޅަކުގެ ހިތުގައި ސުވާލެއް އުފެދުން އެކަށީގެންވެއެވެ. ހާލަތު މިހެން ހުރިއިރު، މިޝްކަގެ ހާލު މިހެން ހުރިއިރު، އެ ލޯބިލޯބި ދަރިންގެ ބައްޕަ ކޮބައިތޯއެވެ؟ މިޝްކާގެ ދިރިއުޅުން ފުން ވަޅުގަނޑެއްގެތެރޭގައި ވާއިރު، އެ ދަރިންގެ ބައްޕަ އަޅައިނުލަނީތޯއެވެ؟ ނުވަތަ އޭނާ މި ދުނިޔޭގައި ނެތީތޯއެވެ؟

ނޫނެކެވެ. އެ ނިކަމެތި ކުދިންގެ ބައްޕަނެތީއެއް ނޫނެވެ. އަޅައިނުލަނީއެއް ވެސް ނޫނެވެ. މި ދުނިޔޭގައި ނެތީއެއް ވެސް ނޫން، އިނގޭތޯއެވެ! އޭނާ އެބަހުއްޓެވެ. ގަދަވެ ސަލާމަތުން އެބަހުއްޓެވެ. އެހެންނަމަވެސް މީހަކަށް އެހީތެރިކަމެއްދެވޭ ހާލަތެއްގައެއް ނޫނެވެ. އަދި ކީއްތަ، އޭނާ ހުރީ، އެ ކުދިންނަށް ފެންނަ ހިސާބަކު ވެސް ނޫނެވެ. އޭނާހުރީ ކޮންތާކު ކަމަށްތޯއެވެ! އާދޭހެވެ! އޭނާހުރީ ޖަލުގައެވެ. މުޅި ޢުމުރަށް ޖަލުގެ ތޭރިތަކުގެތެރޭގައި ގައިދުވެފައެވެ. ވީއިރު އޭނާގެ ދަރިންނަށް އަޅައިލެވޭނެ އެއްވެސްގޮތެއް އޮންނާނެތޯއެވެ؟ ޔަޤީނެވެ. ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އަމިއްލަ ނަފުސަށް އަޅައިނުލެވުމުގެ ސަބަބުން ޖަލުގައި ގައިދުވެފައި ހުރިމީހަކަށް، އެހެންމީހަކަށް އަޅައިލެވޭނެ އެއްވެސްގޮތެއް ނޯންނާނެއެވެ.

މިޝްކާއަކީ މިހާރު އެކަނި ދިރިއުޅެމުން އަންނަމީހެކެވެ. ރަޙުމަތްތެރިއެއްގެ އެހީތެރިކަމުގައި ދިރިއުޅެމުން އަންނަ ހިތްވަރުގަދަ ކަނބަލެކެވެ. މީގެ އިތުރުން، މިޝްކާއަކީ ބޯހިޔާވަހިކަން ހޯދުމަށްޓަކައި ފުލެޓަށް އެދި ފޯމު ހުށަހަޅައިފައިވާ މީހެކެވެ. މި ގޮތުން، މިޝްކާ އެންމެ ފުރަތަމަ ފޯމު ހުށަހަޅައިފައިވަނީ، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ދައުރުގައެވެ. އެ ފަހަރު އެކަނިވެރިމައިންގެ ކެޓަގަރީން މިޝްކާއަށް ނުވަދިހަ ހަތަރު ޕޮއިންޓު ލިބުނެވެ. ނަމަވެސް އެތައް ދުވަހެއްވީއިރު ވެސް، ފުލެޓެއް ނުލިބުނެވެ. މި ވަރުން ވެސް މިޝްކާ ޢަޒުމާއެކު މަސައްކަތްކުރިއެވެ. ރައީސް ޔާމިނުގެ ދައުރުގައި ފުލެޓަށްއެދި މިޝްކާގެ ދެވަނަ ފޯމު ހުށަހެޅިއެވެ. މި ފަހަރު މިޝްކާއަށް ލިބުނީ އައްދީހަ ޕޮއިންޓެވެ. ހަމަ އެހެންމެ ޑޮކުޓަރު މުޢިއްޒުގެ މިނިސްޓަރުކަމުގައި ހައުސިން މިނިސްޓުރީންވަނީ ފުލެޓު ހަމަޖެހުނުކަމުގެ ލިޔުން މިޝްކައާއި ހަވާލުކުރައްވާފައެވެ. އެހެންނަމަވެސްތޯއެވެ. އަދި އަދަށްދާންދެން ވެސް، މިޝްކާ އުޅެމުންދަނީ ވަރަށް ނިކަމެތި ޙާލެއްގައެވެ. ފުލެޓެއް ކީއްކުރަން، ފުލެޓެއްގެ ހިޔަނި ވެސް ނުލިބިގެންނެވެ.

ހާލަތު މިހެން ހުރުމާއެކު ހިނގަމުންމިދާ ސަރުކާރަށް ވެސް، މިޝްކާވަނީ ސިޓީ ހުށަހަޅައިފައެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރުމަށް، ރައީސް އޮފީހަށް ސިޓީ ހުށަހެޅިއެވެ. އާދޭހެވެ. މިޝްކާގެ ހާލަތު، މިޝްކާގެ ދުލުން ރައީސްއާއި ހިއްސާކުރުމަށެވެ. ސިޓީގެ ޖަވާބަކަށްވީ ރައީސް އޮފިހަށް މިޝްކާ ދިއުމަށެވެ. ރައީސް އޮފީހަށް ދިއުމުން، އެ ތަނުގެ މުވައްޒަފަކު ބުނުއްވީ ރައީސް އުޅުއްވަނީ ވަރަށް ބުރަކޮށް ކަމަށާއި، ރައީސްއާއި ބައްދަލުކުރެވެން ނެތްކަމަށާއި، މިޝްކާގެ ހާލަތު ހިއްސާކުރުމަށެވެ. ރަނގަޅު މަގެއް ފެނިދާނެކަމުގެ އުއްމީދާއެކު މިޝްކާގެ ހާލަތު ވަރަށް ސާފުކޮށް، އެ މުވައްޒަފާއި ހިއްސާކުރިއެވެ. ވަންނާނެ ގެދޮރެއް ނެތްކަމަށާއި، ބޯހިޔާވަހިކަން ލިބޭނެގޮތެއް ހަމަޖައްސައިދެއްވުމަށް އަސަރާއެކު ދެންނެވިއެވެ. އެހެންނަމަވެސް އެ މުވައްޒަފުގެ ޖަވާބޭތޯއެވެ! އާދޭހެވެ. މިޝްކާ އަވަހަށް ކައިވެނި ކުރާށެވެ. އަދި ގޭގެއަށް ގޮސް ކައްކައިދީ ހަދައިގެން ދިރިއުޅުމަށް ބޭނުންވާ ލާރި ހޯދާށެވެ.

ސުބުޙާނަﷲ! މިހުރީ ރައީސް އޮފީހުގެ ހާލަތެވެ. ވެރީންގެ ހުރި ރަޙުމްކުޑަކަމެވެ. އެންމެ ކުޑަމިނުން ރައްޔިތުންގެ ޝުޢޫރުތައް، އަޑުއެއްސެވުމުގެ ޤާބިލުކަން ވެސް ނެތެންނޫންތޯއެވެ! އެއްވެސް ޝައްކެއްނެތެވެ. ސަރުކާރުން ބޭނުންވަނީ ރައްޔިތުން ގަނަތެޅުވުމަށެވެ. ރައްޔިތުން ވާވެއްދުމަަށެވެ. ގުނބޯ ހެއްދުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަރަ ވަރައަސަރުގަދަ ވާހަކަތަކެހިތުން ލޭހިގުން ހުޑުވާލާފި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: