ޕީއެންސީން ބައި އިލެކްޝަނުގައި ޕާޓީގެ މެންބަރުން ވޯޓުދިން ކެންޑިޑޭޓުގެ ޓިކެޓުވެސް ސަރުކާރުން ފޭރިގަނެފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ މިހެން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޭނާ ހޮވައިދެއްވުމަށް ރައްޔިތުންގެ ކިބައިން އެދެމުންނެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، އެމްޑީޕީ މަޖިލީހުގައި މައިނޯރިޓީއަކަށް އޮވެ، 12 މެމްބަރުން ތިބި އިރު 13 ވަނަ މެމްބަރަކަށް އޭނާ ހޮވުމުން ސަރުކާރު ޒިންމާދާރު ކުރުވަން އެ މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ. ސަރުކާރުން ކުރާ ނޭދެވޭ ކަންކަމުގެ ވާހަކަ ދައްކާ ބަޔަކީ މިހާރު ތިބި އެ 12 މެމްބަރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސޯބެ ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ހަނިކުރުމެވެ. ކޯޓުތަކާއި މިނިވަން މުވައްސަސާތަކަށް ބާރުފޮރުވަނީ އެންމެ ފަރާތަކުން ކަމަށާއި، އެ ހުރިހާ ތަނެއް ކޮންޓްރޯލް ކުރުމުގެ ރިމޯޓު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
”ސަރުކާރުގެ ތުން ބަނދެފައިން ދޫންޏެއް އަނެއްކާވެސް އެ ގޮނޑީގައި ބައިންދައިފިއްޔާ ހޭވެސް އަހާ ނުލާނެ“
ހަމައެހެންމެ މި ސަރުކާރުން ހިތަދޫ އަށް މާބޮޑު ކަމެއް ކޮށްދީފައި ނުވާ ކަމަށާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި މަޝްރޫއުތައް ކުރިއަށް ނުގޮސް ހުރި ސަބަބާ ބެހޭގޮތުން ސުވާލުކުރާނީވެސް އޭނާ މަޖިލީހަށް ހޮވިއްޖެނަމަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަކީ އެ ޕާޓީން ބޭނުންވި މީހާ ނޫން ކަމަށް ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕީއެންސީގެ މެންބަރުން ވޯޓުދީގެން ޓިކެޓު ދިން ފަރާތުގެ އަތުން ޓިކެޓު ފޭރިގަނެފައިވާ ކަމަށެވެ.

