ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވި ގޮތް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މަހުދީ ނިޔާވެފައިވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން ދަނިކޮށް ހާލުދެރަވެގެން ފަރުވާ ދެމުން ދަނިކޮށެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މަހުދީ ނިޔާވީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 16 ވަނަ ދުވަހު ޑައިވް ކުރަނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ފުލުހުން ރޭ ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
މަހުދީއަކީ މި އޮޕަރޭޝަންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި، ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޑައިވަރެވެ. އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، ރައީސަށް ބްރީފިން އެރުވުމުގައިވެސް މަހުދީ ވަނީ ބައިވެރިވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑުތައް މިހާރު ވަނީ ފެނިފައެވެ. މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުން އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރުން ގުޅިގެން ކުރިއަށް ގެންދިޔަ ނުރައްކާތެރި އޮޕަރޭޝަނެކެވެ. މި ހާދިސާއާ ގުޅިގެން އިޓަލީގެ ރޯމްގެ ޕްރޮސިކިއުޓަރުންގެ އޮފީހުން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމައިގައި، 48 ގަޑިއިރަށް ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. މަހުދީއަކީ 2005 ވަނަ އަހަރުން ފެށިގެން 20 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ހިދުމަތުގައި އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

