ރައްހިތުންގެ މަޖިލީހުގެ އެންގުމުގެ މަތިން އަޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހެދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ އޮޑިޓު ދިރާސާކުރުމަށް އެ ރިޕޯޓް ރައްހޔިތުންގެ މަޖިލީޙުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީޙުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ނިންމުމެއްގެ މަތިން އޮޑިޓަރ ޖެނެރަލް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން ގެންދާ ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސަރވިސަސް ޑިޕޯޓްމެންޓްގެ ޕާފޯމެންސް އޮޑިޓެއް ހައްދަވައި މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މަޖިލީހުން އެދިވަޑައިގެންނެވި ގޮތަށް ރިޕޯޓް ތައްޔާރުކޮށް މަޖިލީހަށް ފޮނުވާފައޮވާ ކަމަށާއި އެހެން ކަމުން އެ ރިޕޯޓް އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވަން ރިޔާސަތުން ވަނީ ނިންމާފައެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނެއް ވުޖޫދު ކުރެވި، އެޔަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. 90 ގެ އަހަރުތަކުން ފެށިގެން އަމަލު ކުރަމުން އައި ކުޑަކުދިންގެ ގާނޫނަށް ގެނައި ބަދަލުތަކުން ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަގުފަހި ވެގެންދާނެއެވެ. ގާނޫނުގައި އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށާއި، ކުޑަކުދިންނާ ގުޅިގެން މައިންބަފައިންނާއި އަދި ކުޑަކުދިން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާތަކަކީ ކޮބައިކަން ކަނޑައަޅައި، އެ ފަރާތްތައް ޒިންމާދާރުކުރުވައި، އެ ޒިންމާތައް އަދާނުކުރުމުގެ ސަބަބުން އެކުދިންނަށް ކުރިމަތިވާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެ ޒިންމާތަކާ ޚިލާފްވާ މައިންބަފައިންނާއި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.
މި މަސައްކަތް ފެށުނު ދުވަސްވަރާއި ދިމާވީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވީ ދަނޑިވަޅެއްގައެވެ. ގއ ކަނޑުހުޅުދޫގައި ދެ އަހަރުވެސް ނުވާ ކުޑަ ކުއްޖަކަށް އިތުބާރު ހުރި މަގާމެއްގައި ތިބެ އެ ކުއްޖާގެ ކާފައާއި، މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައަށްފަހު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން ދިޔައީ ފުލުފުލުގައެވެ. އެ މައްސަލަތަކުގެ ތެރޭގައި މީގެ ކުރިން މިނިސްޓްރީއަށް ހުށަހެޅިނަމަވެސް އެއްވެސް ސަމާލުކަމެއް ދީފައިނުވާ މައްސަލަތަކެއް ވެސް ހިމެނެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން، ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފް އިހުމާލުތައް ފުންޏަކަށް ޖެހި މަގާމުން ވަކި ކުރާ ހިސާބަށް ދިއުމުން ”އިހުމާލެއް ނެތް“ ކަމަށް ބުނެ އިސްތިއުފާ ދެއްވިއެވެ.
މި މައްސަލަތަކާއި އެކު މުވައްސަސާތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ފެށި، އެތައް ބަޔަކަށް އިހުމާލުގެ ތުހުމަތު ކުރެވުނެވެ. ޖެންޑާރ މިނިސްޓްރީއާއި، ފުލުހުން، އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްސީޕީޑީ) އަށް އެކަށީގެންވާ ގޮތެއްގައި ޒިންމާތައް ނެގިފައިނުވާކަމަށް ބުނަން ފެށިއެވެ. އަދި އެކަމުގެ ހެކިތައް ވެސް އެބަހުއްޓެވެ. ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި ކުއްޖާގެ މުނިކާފައަކީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު އެ ސުވާލު ތަކުރާރުކޮށް ނޫސްވެރިން ކުރި ޕްރެޝަރުތަކަށް ފުލުހުން ބުނީ އޭނާ މުޖްތަމައުއަށް ދޫކޮށްފައި ހުރީ ”އުމުރަށް ރިއާޔަތް“ ކުރުމަށްފަހުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މި މުވައްސަސާތައް ހާޒިރު ކުރެވުނެވެ. އަދި ވަކި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވުނީ މުއްދަތުތަކެއް ކަނޑައެޅިގެންނެވެ. އޭގެ ތެރޭގައި އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުން ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭ މިންވަރު ބެލުމަށް އޮޑިޓެއް ތައްޔާރު ކުރުމެވެ. އޮޑިޓް އާއްމު ކުރި އިރު މުޅި ރިޕޯޓުގައި ވަނީ މައްސަލަތަކާއި އިހުމާލުތަކުގެ ވާހަކަތެކެވެ.
މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް ނެތްއިރު، މައްސަލަތައް ރިޕޯޓު ކުރުމަށް ގާއިމްކޮށްފައިވާ ”ހޮޓްލައިން“ އަކުން ކުރާނެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް އޭގައި ވެއެވެ. 2018 ވަނަ އަހަރާއި 2019 ވަަ އަހަރުގެ މައްސަލަތައް ފުންޏަކަށް ޖެހިފައިވާއިރު އެކަންކަން ފުރިހަމަ ކުރާނެ މަރުކަޒީ ނިޒާމެއް ނެތެވެ. މައްސަލަތައް ތަހުގީގު ކުރުމަށް މައުލޫމާތު އެއް ކުރަންޖެހޭއިރު އެކަން ކުރެވޭނެ އެންމެ އެކަށީގެންވާ ނިޒާމެއް ނެތްކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ބުނެފައިވަނީ މައްސަލަތައް ރިޕޯޓު ކުރުމަށްޓަކާ ގާއިމްކޮށްފައިވާ ހޮޓްލައިންއަކީ ”ބޭކާރު“ ހޮޓްލައިންއެއް ކަމަށެވެ. ޗައިލްޑް ހެލްޕްލައިންގެ ނަމުގައި 24 ގަޑިއިރު ހިދުމަތް ދޭގޮތަށް ތައާރަފް ކުރި އެ ހޮޓްލައިންއަކުން ޖަވާބެއް ނުދޭކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ކޯލް ސެންޓަރު ބަންދުކުރާ ވަގުތުތަކުގައި އޮން ކޯލްގައި ހުންނަ މުވައްޒަފަށް ކޯލްތައް ޑައިވާޓްވާއިރު އެ މުވައްޒަފު ކޭހެއްގައި މަސައްކަތްކުރަމުންދާ ވަގުތާއި އޮން-ކޯލް ފޯނަށް ޖަވާބު ދޭ ވަގުތުތަކުގައި ޑައިވަޓްވާ ކޯލްތަކަށް ޖަވާބު ނުދެވޭކަމަށް ބުނެފައިވެ އެވެ.
ބައެށް މައްސަލަތަކަކީ، އޭގެ ޒާތައް ބަލާއިރު ވަގުތުން އެޓެންޑު ކުރަންވީ ކޭސްތަކަކަށް ވީ ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ނުކުރާކަމަށް ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުން ކޭސްތަކަށް އިޖާބަ ދިނުމުގައި އިސްކަން ދޭ މިންގަނޑެއް ބަޔާންކޮށްފައި ނުވާއިރު އެ އޮޑިޓަށް ބެލި 22 ކޭސްއެއްގެ ތެރެއިން 4 ކޭސްއަކަށް އިޖާބަ ދިނުމުގައި އިސްކަން ދޭނެ މިންގަނޑު ކަނޑައަޅާ ބަޔަންކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ތަމްރީނުވެފައި ތިބި، ފަންނީ މުވައްޒަފުން ނެތުމެވެ. ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ފަހަކަށް އައިސް އިތުރުވާން ފެށުމުން ވެސް ކޭސްވޯކަރުން އިތުރުކޮށްފައި ނުވެއެވެ. އެއީ 2017 ވަނަ އަހަރުން ފެށިގެން ބަލާއިރު މަސައްކަތް ކުރަމުން އައީ 16 ކޭސްވޯކަރުންނާއި އެކު އެންމެ ސުޕަވައިޒަރެއް ކަމަށް ވަނީ ބުނެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި، ކޭސްވޯކަރުންގެ އަތުގައި އެތައް މައްސަލައެއް ވާ ކަމަށް ފާޙަގަކޮށްފައިވެއެވެ.

