ޤައުމުދެކެ ލޯބިވާ މީހުންނަކީ ކޮބައިތޯއެވެ. ޤައުމަށްޓަކައި އިޚުލާޞްތެރިވާ މީހުންނަކީ ކޮބައިތޯއެވެ. ޤައުމަށްޓަކައި އިޙުސާންތެރިވާ މީހުންނަކީ ކޮބައިތޯއެވެ. ވަރަށް ވެސް ބޮޑެތި ސުވާލުތަކެއް ދެއްތޯއެވެ.
ޝައްކުގެ ކަންފުޅެއް ވެސް ނެތެވެ. ތިމާގެ ޤައުމުދެކެ ލޯބިވާމީހުން، ޤައުމުގެ މުސްތަޤުބަލު އުޖާލާވުމަށް އެދޭނެއެވެ. ތިމާގެ ޤައުމަށްޓަކައި އިޚުލާޞްތެރިވާމީހުން، ޤައުމުގެ މުސްތަޤުބަލު ބަނަކުރުމަށް މަަސައްކަތެއް ނުކުރާނެއެވެ. ތިމާގެ ޤައުމަށްޓަކައި އިޙުސާންތެރިވާމީހުން، ޤައުމު ހަލާކުކުރާކަށް މަސައްކަތެއް ނުކުރާނޭމެއެވެ.
މި ކިޔާ ”ޑިމޮކްރެސީ“ އެއްވެސް ގާދޫކޮލުން ވަދެގެން، މި ދިވެހިރާއްޖެ އެތެރެވިތާ އެތައްދުވަހެކެވެ. ޕާޓީއަކަށްފަހު ޕާޓީއެއް އުފަންވަމުންގޮސް، މިއަދާ ހިސާބަށްއައިއިރު ވެސް ފެންނަމުން މިދަނީ ހަމަ އެންމެ ތަސްވީރެކެވެ. ތެދުތެދަށް ދަނަނަވާނަމަ، ކުލަމަރުވެފައިވާ ފަނޑުފަނޑު ތަސްވީރެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ދިރުމެއްނެތް ތަޞައްވުރެކެވެ. ތަޢައްސުބުން މަސްހުނިވެފައިވާ ތަޞައްވުރެކެވެ. އާދޭހެވެ، ފެންނަމުންދަނީ، ތަމައްދުނުވުން ހުއްޓި ތައްކަތުވެފައިވާ މަންޒަރެވެ. ތަޣައްޔަރުވެފައިވާ ސިޔާސަތުތަކުން ޤައުމު ފުރިބާރުވެފައިވާތަނެވެ. ތަޢާރުޟުވެފައިވާ ޤާނޫނުއަސާސީއަކާހުރެ ރައްޔިތުން ގަނަތެޅެމުންދާ މަންޒަރެވެ.އަދި ކީއްތޯއެވެ. ފެންނަމުންދަނީ ތަޙައްމަލުކުރަން ދަތި އެތައް އެތައް މަންޒަރެއް އިނގޭތޯއެވެ.
ސަބަބަކީ ކޮބައިހެއްޔެވެ. ސަބަބު ވަރަށް ވެސް ސަރީޙައެވެ. ސަބަބު އެހާމެ ޞައްޙައެވެ. މެންދުރުގެ އިރުފަދައިން، ކޮންމެ ދުވަހަކު ވެސް ސަބަބު މިދަނީ ފެންނަމުންނެވެ. އެއް ސަބަބެއް މިދަނީ ތަކުރާރުވަމުންނެވެ. ކީއްވެގެންތޯއެވެ. ކޮންބައެއްގެ ސަބަބުންތޯއެވެ.
ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، އިތުރު ތަޢާރަފަކަށް ބޭނުންނުވާނޭ ފަދައިން، އެއީ މި ޤައުމުގެ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުން އެތަކެއް އުއްމީދާއެކު، އެތަކެއް ޤުރުބާނީއެއް ވެގެން، ނުހަނު އިތުބާރުކޮށްގެން ހޮވައިފައިވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނެވެ. ރައްޔިތުންގެ ”އަޑު“، މަޖިލީހުގައި އިއްވައިދޭން ތިއްބެވި ބޭފުޅުންނެވެ. ޤައުމު އެދިއެދިހުރި ތަހުޒީބު ގެނެސްދެއްވަން މަސައްކަތްކުރައްވަން ތިއްބެވި ބޭފުޅުންނެވެ. ޤައުމުގެ ޙާލުގެ ދުލުން އިއްވައިދެމުންދާ ކަންބޮޑުވުންތައް އެއްކިބާކޮށްދެއްވަން ތިއްބެވި ބޭފުޅުންނެވެ.
އެހެންނަމަވެސްތޯއެވެ. މަޖިލީހުގެ ޙާލަތޭތޯއެވެ. މަޖިލިސް މެންބަރުން، މަޖިލީހުގައި ތިއްބަވައިގެން އެ ޖައްސަވާ ސަކަރާތްތައް، ތިޔަ އެންމެ ބޭފުޅުން ވެސް ދަންނާނެކަން ކަށަވަރެވެ. އަދި އެކަން ނޭނގޭނެ ކާޅެއްވާލެއް ވެސް މި ޤައުމުގައި އުޅޭނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޖެހިފައިމިވާ ގިލަނެއްގެ ބޮޑުކަމާއެވެ. ކުރިމަތިވެފައިމިވާ އާފާތެއްގެ ބޮޑުކަމާއެވެ. ކޮންމެ ދުވަހަކު ވެސް، މި ފެންނަނީ އެއް ސަކަރާތެއް ޖައްސަވަމުން ގެންދަވާތަނެވެ. އެއް ލަވައެއް ކިޔަމުންދާ މަންޒަރެވެ. އެއް ބެރެއް ޖައްސަވަމުންދާ މަންޒަރެވެ. މެންބަރަކަށްފަހު މެންބަރެއްގެ ހަރުދަނާކަންކެނޑި، ކަރުދަން ޖެހިވަޑައިގަންނަވާ ހިސާބަށް، ކަންތައްތައްގޮސްފައިވާ މަންޒަރެވެ. މެންބަރަކު ބިލެއް ހުށަހަޅުއްވައިފިނަމަ ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިނަމަ، އެ ކަމަށް ގޮންޖައްސަވައި، އެ ބިލެއް ފާސްވިޔަނުދޭން އަޑުހަރު ކުރައްވަމުންގެންދަވާ މަންޒަރެވެ. ބައެއް މެންބަރުން ތުނބަށް އަތްދެއްވައިގެން ތިއްބަވާ މަންޒަރެވެ.
ތަނެއްދޮރެއް ދޮރާށްޓެއް ނުބައްލަވައި،ރައްޔިތުންގެމެދުގައި ކަންބޮޑުވުން އުފެދޭގޮތަށް ވާހަކަދައްކަވަމުން ގެންދަވާ މަންޒަރެވެ. ލަދެއްތަދެއްނެތި، ތިންރިޔަލާއި ފެހުރު ނަންގަވައިގެން ވަޑައިގަންނަވާ، މޭޒުތައްމައްޗަށް އަރުއްވައި ހައްދަވަމުންދާ ގެންދަވާ މަންޒަރެވެ. އަގަލެއްކުލުނެއްނެތި، ޤައުމަށާއި ދީނަށް ޤައްދާރުވަމުން ގެންދަވާ މަންޒަރެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއެކު ފިލްމު ކުޅުއްވަމުންދާ މަންޒަރެވެ.
ވާނީ ވެސް އެހެންތާއެވެ. ޤައުމުގެ ރައްޔިތުން ހަނާވެ، ފަނާވަމުންދާއިރު ވެސް، އެ ބޭފުޅުން އެ ތިއްބަވަނީ ބައިތުލްމާލުގެ ގިނަ މިންވަރަކީ، އެ ބޭފުޅުންނަށް ޙައްޤުވާއެއްޗެއްކަމުގައި ދެކެވަޑައިގެން، މުސާރަ ބޮޑުކުރޭވޭނެހައި ގޮތެއް ބައްލަވަބައްލަވައެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ؟ ހިތްޕުޅު އޮންނަނީ ސިދުރަތުލް މުންތަހާގައެވެ. ހިތްޕުޅު އޮންނަނީ އާސްމާނުގައެވެ. ބަންޑާރަ ޙަސަނަށް މޫދު ހިތަކަށް ލިބޭހެން، އެ ބޭފުޅުންނަށް ބާރާއި ނުފޫޒު ލިބިވަޑައިގަތީމާ އެ ތިއްބަވަނީ ދުނިޔެއެއް އާޚިރަތެއް ވަކިކުރައްވަން އެނގިވަޑައިނުގެންފައެވެ. ކަންމިހެން ހުރިއިރު، އެ ބޭފުޅުންނަށް، ރައްޔިތުންނަކީ މާ މުހިއްމު ބަޔަކަށް ވާނެތޯއެވެ؟ ޤައުމަކީ މާ މުހިއްމު ތަނަކަށް ވާނެތޯއެވެ؟

