ތިލަފުށި، ގުޅިފަޅު އަދި މާލެ ގުޅުވާލާ، ”ތިލަމާލެ“ ބްރިޖުގެ މަސައްކަތަށް ޚަރަދުވާ އަގު ބޮޑުކަމުން ހައިރާންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް ތައްޔާރުވުމަށް، ޅ. ނައިފަރުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ ސިނަމާލެ ބްރިޖް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސާވޭ ކުރީ ހިލޭ ކަމަށެވެ.
ސައީދު ވިދާޅުވީ ކުރީ ސަރުކާރުން ހިލޭކޮށްފައިވާ ކަމަށް މިސަރުކާރުން ހަމައެކަނި ސާވޭ އަށް 231 މިލިޔަން ރުފިޔާ ޚަރަދު ކުރާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމަށްޓަކައި ޑައުންޕޭމަންޓްގެ ގޮތުގައި ވެސް ދައްކަން ޖެހުނީ 18 ވަރަކަށް މިލިޔަން ޑޮލަރު ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ސޯލިހުގެ ސަރުކާރާ ދެމެދު ހުރި ތަފާތަކީ އެޔެވެ.
ސާވޭގެ އިތުރުން ބްރިޖު އެޅުމަށް މުޅި ޖުމްލަ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ އަދަދު އިންތިހާ އަށް ބޮޑު ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ސަރުކާރުން ބްރިޖު އަޅަން އުޅޭތީ ކަންބޮޑުވުމެއް ނެތް ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދަން އުޅޭ ގޮތް ގޯސް ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު މި ދަންނަވަނީ ބްރިޖް ނާޅާށެކޭ ނޫން. އަޅުގަނޑު މި ދަންނަވަނީ ބްރިޖް އަޅާށޭ، އަޅުގަނޑު މި ދަންނަވަނީ ބްރިޖް ދަމާލާށޭ. އެއްލާ ގާކޮޅެއް ގޮސް ޖެހޭ ދުރުމިނުގައި އޮތް ބްރިޖަކަށް 500 މިލިއަން ޑޮލަރު ޚަރަދު ކުރާތީ އަޅުގަނޑު ކަންބޮޑުވޭ،“ ސައީދު ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން، ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބްރިޖަށް ޚަރަދުކުރީ 200 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދިން ހިލޭ އެހީ އެވެ.
ތިލަފުށި، ގުޅިފަޅު އަދި ވިލިނގިލި މާލެއާ ގުޅުވައިދޭ ބްރިޖް އެޅުމަށްޓަކައި ޖިއޯފިޒިކަލް ސާވޭގެ މަސައްކަތް ބޭރުގެ ކުންފުންޏަކާއި ޙަވާލުކުރީ މި މަހުގެ 15 ގައި މަސައްކަތް ފަށައި އަންނަ ޖުލައި މަހުގެ ހަތަކަށް ނިންމާ ގޮތަށެވެ.
މި މަސައްކަތް މަސައްކަތް ހަވާލުކުރީ 15 މިލިޔަން ޑޮލަރު (231.3 މިލިޔަން ރުފިޔާ) އަށެވެ. އަދި މި މަޝްރޫޢުއަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައި ވަނީ 488 މިލިޔަން ޑޮލަރު (7.5 ބިލިޔަން ރުފިޔާ) އެވެ.

