ރައްޔިތުންނަށް ހެޔޮއެދިގެން އެމްޑީޕީން ”ހެސްކިޔާފައި“ މަސައްކަތްކުރިނަމަ ވެސް، މި ތިބެވެނީ މާ މަޑުންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕޭންކުރުމުގެ ގޮތުން އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން، މިއަދު ވިލިމާލެގައި ބެއްވި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވަޒީރުން ވެސް އިންތިހާއަށް މަސައްކަތްކުރައްވަކަމަށާއި، އަޅުގަނޑުމެން ނިކުމެ ހިންދެމިލާންވެއްޖެކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެތެރޭގައި ކުރިއަށްގެންގޮސްފައިވާ ޕޮރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ގިނަކަމަށާއި، އަދި އުމްރާނީ ތަރައްޤީގެ މަޝްރޫޢޫތައް ވެސް ހިންގަމުން އަންނަކަމުގައެވެ. އެ މަޝްރޫޢުތަކުގެ އިތުރުން، ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުން މުހިއްމުކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެއީ މާ ބާރުގަދަ މަސައްކަތެއްކަމަށާއި، އެއީ މާ ވަރުގަދަ އޮއިވަރެއް ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވެފައިވަނީ، 1995 ވަނަ އަހަރު ގދ.ހޯޑެއްދޫން ޔުނިވަރސިިޓީއަކަށް ދިޔައީ އެންމެ ދަރިވަރެއްކަމަށާއި، އެހެންނަމަވެސް އެ ރަށުގެ 21 ދަރިވަރަކު ޔުނިވަރސިޓީގައި ކިޔަވަން ސަރުކާރުން މިހާރުވާނީ ފައިސާދީފައިކަމަށެވެ.
ނަޝީދު ވިދާޅުވީ، މި ޤައުމު ބަދަލުކޮށް އިސްލާހުކުރާނީ އެމް.ޑީ.ޕީން ކަމަށާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވާނީ ވެސް އެމް.ޑީ.ޕީން ކަމުގައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެމް.ޑީ.ޕީގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތު ތަންފީޒު ކުރައްވަނީ ފުރިހަމައަށްކަމަށް ވިދާޅުވެ ތަޢުރީފު ވެސް ކުރައްވާފައެވެ.

