ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މުޅި ރާއްޖެއަށް ޔެލޯ އެލާޓް، ދެން އަމަލުކޮށް އަޅާނީ ކޮންފިޔަވަޅެއް؟

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އަށް މުޅި ދުނިޔެ ތައްޔާރުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ގޮވާލިއިރު ކޮވިޑް-19 ދަނީ އޭޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕުގައި ހަލުވިކަމާ އެކު ފެތުރެމުންނެވެ. ދުނިޔޭގެ 30 ހަށް ވުރެ ގިނަ ގައުމުން މި ރޯގާ ފެނިފައިވެއެވެ. އަދި މިހާރު ރާއްޖޭންވެސް މިވަނީ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފެނިފައެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ވަނީ ޕޮޒިޓްވެފައެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. އެކަން ހެލްތު މިނިސްޓްރީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެފަދަ ކަމަކަށް ސަރުކާރުން ފުރިހައަށް ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވެއެވެ. އަދި އެކަމާއި ގުޅިގެން މިހާރުވަނީ ފިވަޅުތަކެއްވެސް އަޅާފައެވެ.

ރާއްޖޭން ބަލި ފެނުމުން އެޅީ ކޮން ފިޔަވަޅެއް؟

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ފިޔަވަޅު އަޅަމުންދަނީ އެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެކުލަވާލާފައިވާ އޮނިގަނޑާއި މިންގަނޑުގެ ތެރެއިންނެވެ. ކޮވިޑް-19 ރޯގާއާ ގުޅިގެން އެލާޓް ނެރޭނެ ލެވެލްތަކެއް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނެރިފައިވެއެވެ. އެގޮތުން ރާއްޖޭގައި ވެސް އަމަލު ކުރަމުން އައީ އެގޮތަށެވެ. އެގޮތުން ރާއްޖޭން މި ރޯގާ ފެނުމާއި ހަމައަށް ރާއްޖޭގެ ހާލަތު އޮތީ ”ވައިޓް އެލާޓް“ ގައެވެ. ނަމަވެސް އެހާލަތް މިހާރު ވަނީ ބަދަލުކޮށް މުޅި ރާއްޖެއަށް ”ޔެލޯ އެލާޓް“ އަދި ކޮވިޑް-19 އަށް ޕޮސިޓިވް ދެމީހުން ފެނުނު ރަށް ”އޮރެންޖް އެލާޓް“ އަށް ބަދަލުކޮށްފައެވެ.

ޔެލޯ އެލާޓް!

ޔެލޯ އެލާޓް އަކީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ސިއްޙައްތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ހަތަރު މިންގަނޑުގެ ތެރެއިން އެއް މިންގަނޑެވެ. ޔެލޯ އެލާޓް ފިޔަވައި ދެން އަންނަ ހާލަތްތަކަކީ އޮރެންޖް އެލާޓް، އަދި ރެޑް އެލާޓް އެވެ.ވައިޓް އެލާޓަކީ އެންމެ ފުރަތަމަ މަރުޙަލާގައި އޮންނަ ހާލަތެވެ. ކޮރޯނާ ވައިރަސްގެ ފެނުނު ކުރެއްދޫ ފިޔަވައި މުޅި ރާއްޖޭގެ ހާލަތަކީ މިހާރު ”ޔެލޯ އެލާޓް“އެވެ. ޔެލޯ އެލާޓް ކަނޑައަޅަނީ ގައުމުން ބޭރުން އައި ފަރާތެއްގެ ހަށިގަނޑުން އެ ވައިރަސްފެނުނު ނަމަވެސް، ގައިން ގަޔަށް އެ ބަލި ދަތުރުކޮށް އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިނުވާ ހާލަތަކެވެ.

މިހާލަތުގައި އަމަލުކުރާނެ ގޮތް!

ޔެލޯ އެލާޓްގެ ދަށުން ގައުމީ ފެންވަރުގައި އަމަލުކުރާނީވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށެވެ. އެގޮތުން އަމަލު ކުރަމުންދާނީ، އާންމުން ހިމެނޭގޮތަށް ކޮންމެ ދުވަހަކު ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމާއި ކަރަންޓީނު ފެސިލިޓީ އޮޕަރޭޝަނަށް ގެނައުމެވެ. އަދި ސަރަހައްދީ ގޮތުން އެކަހެރިކުރުމަށް ގާއިމުކޮށްފައިވާ ސެންޓަރުތަކާއި ފަރުވާދޭ މަރުކަޒުތައް ތައްޔާރީ ހާލަތަށް ގެނައުންވެސް ހިމެނެނީ މި ޙާލަތުގައެވެ.މީގެ އިތުރުން ސެންޓަރުތަކުގައި ކަރަންޓީނު ކުރުމާއި ގޭގައި އެކަހެރިކުރުން އަދި ބަލި ދެނެގަންނަން ގާއިމުކޮށްފައިވާ ނިޒާމްތައް ވަރުގަދަކުރުންވެސް ހިމެނެނީ ޔެލޯ އެލާޓްގެ ހާލަތުގައެވެ. ގައުމީ ފެންވަރެއްގައި ދެން ކުރިއަށްދާނެ އަނެއް ކަމަކީ އަތޮޅު ފެންވަރުގައި ބޭހުގެ ސްޓޮކު އިތުރުކުރުމެވެ. އަދި ހަމައެހެންމެ ބެކްއަޕް ސިއްހީ އޮފިޝަލުން ތައްޔާރީ ހާލަތަށް ގެނައުންވެސް ހިމެނެއެވެ. މި ހުރިހާ ކަމަކަށް ކަމާއިބެހޭ މުއައްސަސާތައް އޮތީ ތައްޔާރަށެވެ.
 
ކުރެއްދޫ އައިލަންޑް ރިސޯޓަށް  ”އޮރެންޖް އެލާޓް“ ކީއްވެ؟

މުޅި ރާއްޖެއަށް ”ޔެލޯ އެލާޓް“ ނެރިފައި، ހަމައެކަނި ކުރެއްދުއަށް ”އޮރެންޖް އެލާޓް“ ނެރެންޖެހުނީ ކީއްވެބާއޭ ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ އެ ސަބަބު ބަޔާންކޮށް ލާނަމެވެ. ކުރިންވެސް ދެންނެވުނު ހެން ކޮވިޑް-19 އާއި ގުޅިގެން ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ގައިޑްލައިނުގައި ހަތަރު އެލާޓް ލެވެލްތަކެއް އޮވެއެވެ. އެއީ، ވައިޓް އެލާޓް، ޔެލޯ އެލާޓް، އޮރެންޖް އެލާޓް އަދި ރެޑް އެލާޓްއެވެ. އޮރެންޖު އެލާޓަކީ ރޯގާ އުޅޭ ސަރަހައްދަކަށް ދަތުރު ކޮށްގެން، ރޯގާ ޖެހޭ މީހެއްގެ ފަރާތުން އެހެން ބައެއްގެ ގަޔަށް ރޯގާ އަރާ ހިސާބެވެ. ނުވަތަ ގައުމުން ބޭރުން އައި ފަރާތަކުން އެ ވައިރަސްޖެހި، ސީދާ އެ މީހާގެ ފަރާތުން އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިވާ ހާލަތު ބަޔާންކުރާ ދަރަޖަ އެވެ. ކުރެއްދޫގައި ދިމާވީ އެދަރަޖައެވެ.

އޮރެންޖު އެލާޓްގެ ދަށުން ކަންތައް ކުރާނެގޮތް.

އޮރެންޖް އެލާޓްގައި ވެސް އަމަލުކުރާނެ ގޮތްތަކެއްގެ ގައިޑްލައިނެއް އޮވެއެވެ. އެގޮތުން އޮރެންޖު އެލާޓްގެ ދަށުން އަތޮޅުތައް ނުވަތަ ރަށްރަށުގައި އަމަލުކުރާނެ ގޮތަކީ ކޮންމެހެން ކުރަންނުޖެހޭ އޮޕަރޭޝަންތައް ފަސްކުރުމާއި ކޮންމެހެން ބާއްވަންޖެހޭ އެއްވުންތައް ނޫނީ ނުބޭއްވުން ހިމެނެއެވެ. އަދި ސްކޫލްތައް ބަންދު ކުރުމާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މެނުވީ ދަތުރުތައް ނުކުރުމެވެ. ހަމައެއާއެކު އެ ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި، ޒަރޫރީ މުދާ ފޯރުކޮށްދިނުން ހިމެނޭނެއެވެ. މީގެ އިތުރުން ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތައް ގޭގައި ކަރަންޓީނު ކުރުމާއި ސިއްހީ ފަރުވާއާއި ލަފާ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން އެފަދަ ރަށްރަށަށް އަރާފޭބުން ވަގުތީ ގޮތުން ހުއްޓުވާ ކަރަންޓީނު ކުރުމަށް ސަރުކާރުން އޮތީ ނިންމާފައެވެ.

ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް.

ކޮވިޑް-19 އަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންކަމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށެވެ. މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމުގެ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާގައި، ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުންވެސް ވަޒީރުން މަޝްވަރާ ކުރެއްވިއެވެ. އަދި މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެއްވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވުދާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19 ފެތުރި، ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ސަރުކާރުން އޮތީ ތައްޔާރުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އަމީން ވިދާޅުވީ ފެތުރެމުން އަންނަ ރޯގާގެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ރާއްޖެ އޮތީ ތައްޔާރުވެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް، ފަރުވާ ދޭން ބޭނުންވާ ސާމާނު މިހާރުގެ ހާލަތާ އެކަށީގެންވާ ވަރަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ. މުޅި ރާއްޖޭގެ ހާލަތު ބެލުމަށްޓަކައި އެކި ސަރަހައްދުތަކުގައި ރޯގާ އާއި ނިއުމޯނިއާ ފަދަ ބަލިތައް ފެތުރޭ މިންވަރު ބަލަމުން އަންނަ ކަމަށާއި ރާއްޖޭގެ އެއްވެސް ރަށަކުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ އެ ރަށަކަށް އަރައި ފޭބުން މެދުކަނޑާލުމަކީ މިހާރު ހަމަޖައްސައިފައި އޮތް ގޮތް ކަމަށް އަމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: