ރާއްޖެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަހުގެ މި ދަނޑިވަޅުގައި، މި ވަގުތު ހުރިހާ އެންމެންވެސް ވިސްނަންވީ ސިޔާސީ ވާދަވެރިކަމަށްވުރެ ބޮޑަށް ޤައުމީ އެއްބައިވަންތަކަމަށް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ދިމާވެފައިވާ ހާލަތުގައި ގައުމުގެ އެއްބައިވަންތަކަމާއި އެކުވެރިކަމަށް ވިސްނުން މާ މުހިތްމު ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭން ކޮރޯނާ ވައިރަސް ފެނުނުކަން ސަރުކާރުން އިއުލާން ކުރުމާއެކު، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިދިކޮޅު ކޯލިޝަނުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެއްބައިވެގެން މަސައްކަތްކޮށްގެން ނޫނީ މިފަދަ ދަތިތަކުން އަރައިނުގަނެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެ ކުރީގެ ސަރުކާރުތަކުންވެސް މިފަދަ ދަނޑިވަޅުތަކުގައި އެއްބައިވަންތަކަމާއި އެކުވެރިކަމަށް ޖާގަ ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި މި ސަރުކާރުންވެސް އެ ނަމޫނާ ދެއްކެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
”އަޅުގަނޑު ރައީސް އިބްްރާޙިމް މުހައްމަދު ސޯލިހަށް ގޮވާލަން މިއީ ދިވެހި ގައުމުގައި އެއްބައިވަންތަކަން ގާއިމުކުރުމަށް މަނިކުފާނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކޭ. އަދި ނަމޫނާ ދެއްކެވުމުގެ ގޮތުން އިދިކޮޅު ލީޑަރު ޖަލުގައި ހުރި ހުރުން ނިމުމަކަށް ގެނެސް އެމަނިކުފާނު މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދެއްވާށޭ،“ އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، 2004 ވަނަ އަހަރު ހިނގައިދިޔަ ސުނާމީ ކާރިސާގައިވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް އިސްކުރެއްވީ ގައުމު ކަމަށެވެ. އޭއާއެކު އެ ހާލަތުންވެސް އޭރު އަރައިގަނެވުނު ކަމަށެވެ.
މީގެ ކުރީގެ ސަރުކާރުތަކުންވެސް މިފަދަ ދަނޑިވަޅުތަކުގައި އެއްބައިވަންތަކަމާއި އެކުވެރިކަމަށް ޖާގަ ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުންވެސް އެ ނަމޫނާ ދެއްކެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެއްބައިވެގެން މަސައްކަތްކޮށްގެން ނޫނީ މިފަދަ ދަތިތަކުން އަރައިނުގަނެވޭނެ ކަމަށެވެ.

