ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީ ފަތުރުވެރިޔާއަށް ފުރުނު މައްސަލަ: ޗަމްޕާ އެންޑް ކްރައުންގެ ކުރެއްދޫ ޖިނާއީ ތަހުގީގަކަށް!

އިޓަލީ މީހާއާ ގުޅޭ ތުހުމަތުތަކަށް ޖިނާއީ ތަހުގީގެއް ކުރަނީ - ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިއުމަށްފަހު، ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް އިޓަލީ ފަތުރުވެރިއެއް ޕޮޒިޓިވް ވީއިރު އޭނާއަށް ފުރައިގެން ދެވުނު ގޮތާއި ބެހޭ ޖިނާއީ ތަހުގީގެއް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޅ. ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު، ފުރައިގެން ދިޔަ އެ ފަތުރުވެރިއާ ވަނީ މާލެ އައިސްފައެވެ. އަދި ދެ ދުވަސް ވަންދެން އޭނާ ހުރީ މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީ ހުންނަ މާގިރީ ހޮޓެލްގައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާގެ ދަތުރުގެ ޓިކެޓު ބަދަލު ކުރުމަށް ޔުނިވާސަލްއަށް ވެސް ދިޔައެވެ.

ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިއެއް، މާލޭގައި މަޑުކުރަންޖެހުނު ގޮތާއި އޭނާ އަމިއްލައަށް ޓިކެޓު ބަދަލު ކުރަން ދާންޖެހުނު ސަބަބު ބަލަން ޖެހޭކަން ނޫސްވެރިން ވެސް ވަނީ ޕްރެސް ކޮންފަރެންސްގައި ފާހަގަކޮށްފައެވެ. ބައެއްގެ އިހުމާލުން ނުވަތަ ގަސްތުގައި ކުރިކަމެއްގެ ސަބަބުން ރާއްޖޭގެ ރިސޯޓެއް އެކީ ވަނީ ލޮކްޑައުންކޮށްފައެވެ. އަދި އެތައް ބަޔަކު އައިސޮލޭޓުކޮށްފައިވާއިރު މިވީ ދެ ދުވަހުގެ ތެރޭގައި ކުރެއްދޫއިން ހަތަރު މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ުކުރެއްދޫ އަައި އެ ފަތުރުވެރިޔާގެ ފަރާތުން އިންފެކްޓުވީ ހަތަރު ސްޓާފުންނެވެ. އެ ހަތަރު މީހުންނަކީ ވެސް ބިދޭސީންނެވެ. އަދި އިތުރު ބައެއްގެ ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރޭގައި ރިސޯޓުގައި ހުރުމަށްފަހު އާއިލާ ކައިރިއަށް ރަށަށް ދިޔަ ދެ ދިވެހި ސްޓާފެއް ވަނީ ފަރުކޮޅުފުށީގައި ކަރަންޓީކޮށްފައެވެ. އޭގެ އިތުުރުން ބަލީގެ އަލާމާތްތަކާއި އެކު، ފަތުރުވެރިޔާއާއި ކޮންޓެކްޓުވި ޔުނިވާސަލް ޓިކެޓިން އޮފީހުގެ ސްޓާފެއް ވެސް ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ.

މިވަގުތު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ފަތުރުވެރިޔާ ބަލީގެ ސިޕްމްޓޮމްތައް އާލާވީއިރު ރިސޯޓަށް އެކަން ފާހަގަނުވެ ހުރި ސަބަބާއި ގުޅޭގޮތުންނެވެ. ރާއްޖޭގެ ހުރިހާ ރިސޯޓުތަކަށް އެސްއޯޕީތައް ފޮނުވާ ވަކި އުސޫލުތަކަކަށް އަމަލު ކުރުމަށް އަންގާފައިވަނިކޮށް އޭނާގެ ހުމުގެ އަސަރެއް ހުރިނަމަ އެކަން ނޭންގީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. އަދި ހުމާއި ރޯގާގެ އަސަރެއް ހުރެ ޑޮކްޓަރަށް ދެއްކުމަށްފަހު ވެސް އެކަން ރިޕޯޓު ނުކުރީ ގަސްތުގައި ތޯ ސުވާލު އުފެދެއެވެ.

ރިސޯޓަކަށް ޗުއްޓީ ހޭދަކުުރުމަށް އަންނަ މީހެއް އަންނަނީ ޕެކޭެޖެއްގެ ދަށުންނެވެ. އޭނާ ރާއްޖެ އަންނާނީ އޭޖެންޓެއް މެދުވެރިވެގެންނެވެ. އެހެން ކަމުން އެއީ ހަފްތާއެއް ނުވަތަ ދިހަ ދުވަހުގެ ޗުއްޓީއެއް ވިޔަސް އެ މީހަކު އެ މުއްދަތު ހޭދަ ކުރާނީ އެ ރިސޯޓެއްގައެވެ. އެހެންކަމުން ދެ ދުވަސް ވަންދެން އޭނާ މާލޭގައި މަޑުކުރަންވީ ސަބަބެއް ނެތެވެ.

މި މައްސަލައާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ކޮރޯނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވާހަކަތައް ދެކެވެމުންދަނީ އެކި ގޮތްގޮތަށް ކަމަށެވެ. އެހެން ކަމުން މީގައި ބަލާ ތަހުގީގު ކުރަންޖެހޭ ކަންތައް ފުލުހުން ފުރިހަމަ ކުރާނެ ކަމަށެވެ. އެހެން ކަމުން ވައިރަހަށް ޝައްކުކުރެވުނު މީހާގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެމައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ބެލުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިޔާ ފުރައިގެން ދިޔައީ، ބަލިވެ ހުރިކަން ޔަގީންވެއެވެ. އެހެން ކަމުން، އެއާޕޯޓުގެ ޕްރޮސެސްތައް އޭނާ ފުރިހަމަ ކުރިގޮތް ބަލާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިޔާގެ ކޮންޓެކްޓް ޓްރޭސިން އެއާޕޯޓުން އޭނާ އާ ބައްދަލުވެދާނެ ކަމަށް ބެލެވޭ މީހުންނާއި އޭނާ އަށް ޓްރީޓުކޮށްފައި ހުރި މީހުންނާ އެކަންކަން ބެލުމުގެ ކަންތައްވެސް ކުރިއަށް ދާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އެއްވެސް މީހަކަށް ރާއްޖެއިން ފުރޭނީ ހުރިހާ އެޖެންސީތަކުގެ ކްލިއަރެންސް ލިބިގެން ކަމަށާއި ފައިނަލް ބަސް ބުނާނީ ސިއްހީ ތަޖުރިބާކާރުން ކަމަށެވެ.

ކުރެއްދޫގެ މި މައްސަލައިގައި ސުވާލު ކުރުމުން އަލީ ވަހީދާއި، މަބްރޫކްވެސް ވިދާޅުވީ ފިޔަވަޅު އަޅަންޖެހިއްޖެ ކޮންމެ ބައެއްގެ މައްޗަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ކުރެއްދޫ މިހާރު އޮތީ 1،300 އަށް ވުރެ ގިނަ މީހުންނާ އެކު ކަރަންޓީންކޮށްފަ އެވެ. އޭގެ ތެރޭގައި 699 ޓޫރިސްޓުން ހިމެނެ އެވެ. ދެން އުޅެނީ 270 ދިވެހި މުވައްޒަފުންނާއި، އިމާރާތްކުރުމުގެ މަސައްކަތަށް ގޮސް ތިބި އެހެން ކުންފުންޏެއްގެ ބިދޭސީންނާ އެކު 420 ބިދޭސީ މުވައްޒަފުންނެވެ.

ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ހައަކަށް އަރާފައެވެ. މިހާރުގެ ކުރެއްދޫ ހާލަތަށް ބަލާ، އަދި މީީޑިއާތަކަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު އެ ރަށުން އިތުރު ކޭސްތައް ފެނުން ގާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: