ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާވައިރަހާއި އެމްޑީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ޝައްކެއްނެތް ފަދައިން، ކޮންމެ ބައެއްގެ ހާލަތު ވެސް، ބަދަލުކުރަނީ އެ ބައެކެވެ. އެ ބައެއްގެ ހާލަތު ބަދަލުކުރަނީ ހަމަ އެ ބައެއްގެ އަތްތަކުން ކުރާ ކަންތައްތަކުންނެވެ. އެ ބައެއްގެ ހާލަތު، އެ ބައެއްގެ އަތްތަކުން ބަދަލުކޮށްފުމަށްދާންދެން، އެ ބައެއްގެ ހާލަތު ބަދަލުނުކުރައްވާނޭކަމުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންގަވާފައެވެ.

މި ގޮތުން ބަލާއިރު، ދުނިޔޭގެ ހާލަތު މިއަދު މި އޮތީ ވަރަށް ވެސް ނުރައްކާތެރި ފައްތަރެއްގައެވެ. ތިޔަ އެންމެ ބޭފުޅުން ވެސް ދަންނާނޭ ފަދައިން، ޗައިނާގެ ހުބެއި ޕްރޮވިންސުގެ ވޫހާންގެ ވަލު ޖަނަވާރު ވިއްކާ މާރުކޭޓަކުން މިދިޔަ ޑިސެމްބަރު މަހު ފެންމަތިވި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަކިހިއްޕާލާފައެވެ.

މިހާތަނަށް، ލައްކައަކަށްވުރެ ގިނަމީހުން މި ވައިރަހުގެ ޝިކާރައަކަށްވެފައިވާއިރު، އޭގެތެރެއިން ތިންހާސް އަށްސަތޭކައަށްވުރެ ގިނަމީހުންވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ. ދުވަހަކަށްވުރެ ދުވަހަކު ދުނިޔޭގެ ހާލަތު މިދަނީ ގޯހުންގޯހަށެވެ.

ދުނިޔޭގެ ހާލަތު މިހެން ހުރިއިރު، އެކި ޤައުމުތަކުންދަނީ މި ކަމަކަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. ބޭއްވުމަށް ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތަށް މަޑުޖައްސައިލަމުންނެވެ. ބައެއް ޤައުމުތަކުގެ އެކި ހިސާބުތަކަށް ވަދެނިކުމެ ނުހެދޭ ގޮތަށް ބަންދުކުރަމުންނެވެ. މި ގޮތުން ބަލާއިރު، ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ އިޓަލީ މިހާރުވަނީ އެއްކޮށް ބަންދުކޮށްލާފައެވެ. ހަމައެއާއެކު އިޓަލީގެ އެއްވެސް ސަރަޙައްދެއްގައި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ކޮރޯނާވައިރަހަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޕޯޗުގަލްގެ ރައީސް މާސެލޯ ރެބެލޯ ޑި ސޫސާވަނީ 14 ދުވަހުގެ މުއްދަތަށް އަމިއްލަފުޅަށް ކަރަންޓީނަށް ވަނީ ވަޑައިގެންފައެވެ. ހަމަ އެހެންމެ، ރަށްތަކުގެ ”މަންމަ“ ކަމުގައިވާ މައްކާގައި ކުރެވޭ އުމްރާގެ އަޅުކަން، ސައޫދީ ސަރުކާރުންވަނީ ވަގުތީގޮތުން މެދުކަނޑައިލާފައެެވެ.

ކޮންމެއަކަސް ކޮރޯނާގެ ނުރައްކާތެރިކަމުގެ ވާހަކަ ދައްކަމުންދާއިރު، މި ދިވެހިރާއްޖެއަށް ވެސް މިވަނީ މި ބަލީގެ ނުރައްކަލާއި ކުރިމަތިލާން ޖެހިފައެވެ. މި ގޮތުން ބަލާއިރު، ވޭތުވެދިޔަ ތިންދުވަހުގެތެރޭގައި މި ޤައުމުން މިވަނީ ކޮރޯނާ ވައިރަހަށް ”ޕޮޒިޓިވް“ ވެފައިވާ ހަ މީހުން ފެނިފައެވެ. މީގެ އިތުރުން، ބައްޔަށް ޝައްކުކުރެވޭ މީހުން މިދަނީ ކަރަންޓީނުކޮށް މޮނިޓަރ ކުރެވެމުންނެވެ. އެހެން ކަމުން ކުރިއަށް އޮތް ދުވަސް ތަކުގައި ކޮރޯނާ ވައިރަސްގެ އިތުރު ކޭސްތަކެއް ރާއްޖެއިން ފެނުމަކީ މިހާރު ވަރަށް ގާތް ކަމެކެވެ. 

އެހެންނަމަވެސް ޤައުމުގެ ވެރިންގެ ސަފުގައި ތިއްބެވި ބޭފުޅުންގެ ހާލަތަކީކޮބައޮތޯއެވެ. އެނގިފާޅުވެގެންވާ ފަދައިން، ”ކޮމެޑީ ފިލްމަކަށް“ ވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުން ކޮންމެ ދުވަހަކު ވެސް ފެންނަމުން އެހެރަދަނީ އެ ބޭފުޅުންގެ އަމިއްލައެދުންފުޅު އިސްކުރައްވާ މަންޒަރެވެ. ޤައުމަށްވުރެ އަމިއްލައެދުންފުޅު އިސްކުރައްވަން މަސައްކަތްކުރައްވަމުންދާ މަންޒަރެވެ. އެ ބޭފުޅުންގެ ކުރިމަތިފުޅުގައި، ރައްޔިތުންގެ ދުޅަހެޔޮކަމަށްވުރެ، އެ ބޭފުޅުންގެ ޕާޓީތަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދަމަހައްޓަވަން ބަހުސްކުރައްވާ މަންޒަރެވެ. އެ ބޭފުޅުންގެ ވިޔަފާރިތައް ވަޅުޖެހިދާނެތީ ކަންބޮޑުވެވަޑައިގެން، ޤައުމުގެ ހަލާކަށް ވާހަކަދައްކަވަމުންދާ މަންޒަރެވެ.

މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯއިން ގޮވާލަމުންދާ މިފަދަ ދަނޑިވަޅެއްގައި، އެންމެ އެކަށޭނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވަމުންދާކަމާމެދު ބައެއް ރައްޔިތުން ސުވާލު އުފައްދައެވެ. މިހެން ދަންނަވަން މި ޖެހެނީ ސަބަބުތަކެއްނެތިއެއްނޫނެވެ. މި ސަބަބުތަކަށް ބަލާއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީގެ ގިނަމެންބަރުންނާއި، ފަރުދާގެ ފުރަގަހުގައި ތިއްބަވައިގެން ރީނދޫކުލައަށް އަޅުދާސްތުވެފައިވާ މެންބަރުންގެ ވާހަކަތަކުން ވެސް މި ކަން ހާމަވެގެންދެއެވެ.

އެއްވެސް ބިރެއް، ރަޙުމެއް، ކުލުނެއް އަގަލެއްނެތި އެ ދައްކަވާ ވާހަކަތަކަތައް ވަތަށް ވެސް ލަދުވެތިއެވެ. އެއްވެއުޅުމުގެ ނުރައްކާތެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ ބޭފުޅުން އެހެރަ ވިދާޅުވަނީ ކޮރޯނާވައިރަހަކީ އާދައިގެ ބައްޔެއްކަމަށާއި، ޤައުމު މިއޮތީ ނުބައި ފައްތަރެއްގައި ނޫންކަމަށެވެ. ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން، ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް އެދިވަޑައިގަންނަވާކަމަށާއި، އިންތިޚާބު ފަސްކުރަން އިލެކްޝަން ކޮމިޝަނަށް ގޮވާލައްވާފައިވައިރު، ހަމަ އެހެންމެ ޢާންމުންގެ ގިނަބަޔަކު މި ކަމަށް އެދެމުންދާއިރު، އެމްޑީޕީ ގަދަފައިވިއްދައިފައިމިވަނީ ލަސްނުކޮށް އިންތިޚާބު ބޭއްވުމަށެވެ. ބަޔަކު މީހުން ގައުމު ދެކެ ލޯބިވާނީ މިހާވަރަށެވެ. 

މި ގޮތުން، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ޖެހޭ ތާރީޚުގައި ނުބާއްވައިފިނަމަ ޤައުމަށް ހަމަޖެހުމެއް ނެތްކަމަށާއި، ޤައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ ޑިމޮކްރެޓިކް އިންތިޚާބުތައް ފަސް ކުރުންކަމަށެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައިވެސް އޭނާ ވިދާޅުވީ އިންތިޚާބު ފަސްކުރަންޖެހޭ އެއްވެސް ސަބަބެއްނެތްކަމަށެވެ.

ހަމަ މި މޭރުމުން ބަލާއިރު، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން(ގިޓާ) ވެސް ވިދާޅުވެފައިވަނީ، އިންތިޚާބު ފަސްކުރުމަކީ އޭގެ ސަބަބުން މި ދިވެހިރާއްޖެއަށް، އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެކަމެއްކަމަށާއި، ކޮރޯނާ ވައިރަސް އިތުރަށް ފެތުރެން މަގުފަހިވާނެ ސަބަބެއްކަމުގައެވެ.

މީގެ އިތުރުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ވިދާޅުވެފައިވަނީ، ޤައުމަށް އޮތް އެންމެ ރަނގަޅުގޮތަކީ، އިންތިޚާބު ލަސްނުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި އިންތިޚާބު ބޭއްވުންކަމުގައެވެ.

ހަމަ މި ބީދައިން ބަލާއިރު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކުން ކޮރޯނާ ވައިރަހުގެ ވާހަކަ ދައްކަމުން ދަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި، އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނީ އިދިކޮޅު މެންބަރުންނަށް ކޮރޯނާ ވައިރަސް ޖައްސާފައިކަމަށެވެ.

މި ކަމާއި ގުޅިގެން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީރު ވިދާޅުވީ އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚުގައި ބާއްވަންޖެހޭނެކަމަށާއި، އެއަށްވުރެ އަވަސް ކުރެވެން އޮތް ނަމަ އަވަސް ކުރަން ތާއީދު ކުރާ ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފު އިތުރަށް ވިދާޅުވީ، އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރުން ދެކެލައްވާގޮތެއް ބެލުމަށްޓަކައި، ނުރަސްމީ ބައްދަލުވުމެއް ބޭއްވިކަމަށާއި، ބައްދަލުވުމުގައި ބައިވެރިވި 84 ޕަސެންޓް ބޭފުޅުން ބޭނުންވެލައްވަނީ މިހާރު ވެސް ކަނޑައަޅާފައި އޮތްގޮތަށް އިންތިޚާބު ބޭއްވުމަށްކަމަށެވެ.

އެއްވެސް ވަސްވާހެއްނެތެވެ. އިސްވެ ބަޔާންކުރި މޭރުމުން މެންބަރުން ވާހަކަދައްކަވާ ކޮންމެ ވަގުތެއްގައި ވެސް، ރައީސް ނަޝީދު ކުރައްވާކަމަކީ އަޑީގައި ހުންނަވައިގެން އެ ބޭފުޅުންނަށް ހިތްވަރުދެއްވުމެވެ. ނަޝީދު ވިދާޅުވީ ކޮރޯނާ ވައިރަހުގެ ކަންކަމުގައި ދިވެހިރާއްޖެ ހުއްޓުވައެއް ނުލެވޭނެކަމަށާއި، ހުންނާންނަނީސް ރަޖާއަޅާ އުސޫލުން ރައްޔިތުން ބަދަލުވާން ފަށައިފިނަމަ ދުނިޔޭގެ އިޤުތިޞާދު ހުއްޓޭނެކަމަށެވެ. އަދި އަޅުގަނޑުމެންނަށް ރޯގާނުޖެހުނުކަމަކު، އިޤުތިޞާދު ހުއްޓުނީމާ ޖެހޭ ރޯގާތަކާއި ބަލިތަކާއި އުނދަގޫތަށް މާގިނަވާނެކަމުގައެވެ.

އަޅުގަނޑު ޤަބޫލުކުރަމެވެ. ނަޝީދު ވިދާޅުވި ފަދައިން، ރޯގާތަކާއި ބަލިތަކާއި އުނދަގޫ އަޅުގަނޑުމެންނަށް ކުރިމަތިވާނެއެވެ. އެހެންނަމަވެސް ރައީސް ނަޝީދު މިވަނީ ޤައުމަށްހުރި ރޯގާއަކަށްވެފައެވެ. ޤައުމަށް ފާވެފައިވާ ބަލިމަޑުކަމަކަށްވެފައެވެ. ޤައުމަށްހުރި ދުއްތުރާއަކަށްވެފައެވެ. އެހެން ޢިބަރާތަކުން ދަންނަވާނަމަ، ނަޝީދުގެ އުނދަގޫ މިވަނީ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމަށްވުރެ ބޮޑުވެފައެެވެ. އަދި ކީއްތޯއެވެ. ނަޝީދުގެ ”ޕަޕެޓުން“ ތަކެއްކަމަށްވާ ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އުނދަގޫ ވަކި ކުޑައެއްނޫނެވެ.

އާދޭހެވެ. ޤައުމަށްޓަކައި ރައްޔިތުންނަށްޓަކައި ވާހަކަދައްކަވަން ތިއްބެވި ބޭފުޅުން، އިންތިޚާބު އަވަސްކުރުމަށް ވާހަކަދައްކަވާ، ކޮރޯނާ ވައިރަހަކީ ނުރައްކާތެރިބައްޔެއްނޫންކަމުގެ ވާހަކަތައް ދެއްކެވީމާ އަޅުގަނޑު ހައިރާނެއްނުވަމެވެ. އަޅުގަނޑުގެ ގާތަށް އަންނަނީ ހިންޏެވެ. އަޅުގަނޑުގެ ނަފުސުކުރަނީ ހިތާމައެވެ. އަޅުގަނޑުގެ ހިތަށް ކުރަނީ ހިތްދަތި އަސަރުތަކެކެވެ. އަޅުގަނޑުގެ ވިސްނުން ކޮށިކަމާއިހުރެ ވެސް، އަޅުގަނޑުގެ ކުޑަކުޑަ ސިކުނޑިއަށް ވިސްނެނީ، އެ ބޭފުޅުންގެ ޅަކަމާއިހުރެ، އެ ބޭފުޅުންގެ ކިބައިގައި ސަރުކާރެއް ހިންގުމުގެ ޤާބިލިއްޔަތުކަމެއް ނެތްކަމެވެ. ރައްޔިތުންގެ އަޑުއިއްވަން ބޮޑު މުސާރަދިފައި، މަޖިލީހުގައި ތިއްބެވުމަށް ކުފޫހަމަވެވަޑައިނުގަންނަވާކަމެވެ.

ބަހުސަކަށް ޖާގައެއްނެތެވެ. މިފަދަ ބިރުވެރި ހާލަތެއްގައި ދުނިޔެ އޮއްވާ، އެއްވެއުޅުމަށް ތާއިދުކޮށް ވާހަކަ ދައްކަވާނީ، އެއްވެސް ނަޒަރަކުން ޤައުމަށް ހެވެއް ނޭދޭތީއެވެ. ރައްޔިތުންގެ އިޙްސާސްތައް ދެނެވަޑައިނުގަންނަވާތީއެވެ. އެހެންނޫންނަމަ ލޯކަލް ކައުންސިލް އިންތިޚާބަށްވުރެ، ރައްޔިތުންގެ ޙާލު، ޤައުމު އޮތް ހާލަތު އެ ބޭފުޅުންނަށް މާ މުހިއްމުވީސްނޫންތޯއެވެ. ކޮރޯނާ ވައިރަސް ޖައްސާނަމޭ ވިދާޅުވެ ކުފުރުގެ ބަސްތަށް ވިދާޅުނުވީސްނޫންތޯއެވެ. ޤައުމުގެ ހަމަޖެހުން އިސްކުރެއްވީ ނޫންތޯއެވެ. ނަޝީދުއާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބައިގަނޑު ގަބޫލު ކުރިއަޔަސް އަދި ނުކުރިޔަސް ހަގީގަތަކީ އެ ވިދާޅުވާ ޑިމޮކްރެސީއެއްވެސް މިގަުމުގައި އޮންނީ ގައުމުގެ ރައްޔިތުން ތިބެގެންނެވެ. ރައްޔިތުން ނެތްތަނެއްގައި ކޮން ޑިމޮކުރެސީއެއްތޯއެވެ. ކޮން އިގްތިސާދެއްތޯއެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: