ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެންނަން ހުރުމުން އެ މީހާ ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލޭންޑު ރިސޯޓުގައި ޗުއްޓީ ހޭދަކުުރުމަށްފަހު ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުން އިންފެކްޓުވީ ހަތަރު ބިދޭސީ ސްޓާފުންނެވެ. އަދި އަނެއް ދެ މީހުންނަކީ ބަތަލާ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ދެ ފަތުރުވެރިންނެވެ.
ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.
ވައިރަހަށް ޝައްކުކުރެވޭ މީހާ ފެނުމާއެކު، ރިސޯޓަށް އަރައިފޭބުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފައެވެ. ވަން އެންޑް އޮންލީ އާއި އެކު މިވަގުތު އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައެވެ. އަރާ ފޭބުން މަނާކޮށްފައިވާ ރަށްތަކަކީ، ބަތަލާ އައިލޭންޑާއި ކުރެއްދޫ އައިލޭންޑް ރިސޯޓުގެ އިތުރުން، އއ. ކުރަމަތި ރިސޯޓު އަދި ވިލިމަންދޫ ރިސޯޓެވެ. ވިލަމަންދޫ ބަންދުކޮށްފައިވަނީ ކުރެއްދޫގެ މުވައްޒަފަކު އެ ރަށަށް ގޮސްފައިވާތީ އެވެ. ކުރަމަތި ބަންދުކޮށްފައިވަނީ އެ ރިސޯޓުގައި ހުރި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެވެ.
ބަތަލާ ރިސޯޓުން އިތުރު ދެ މީހަކަށް ޝައްކު ކުރެވިގެން އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޕޮޒިޓިވް ވީ ހަ މީހުންގެ އިތުރުން، މިއަދު ޓެސްޓު ކުރި ހުރިހާ އެންމެން ވެސް ވަނީ ވައިރަސްއަށް ނެގެޓިވް ވެފައެވެ. އޭގެ ތެރޭގައި ފޯކައިދޫއަށް ދިޔަ މީހާއާއި، ހިންނަވަރަށް ދިޔަ މީހާ އަދި ޔުނިވާސަލްގެ މުވައްޒަފު ހިމެނެއެވެ. އަދި ވ. ތިނަދޫއިން ޓެސްޓު ކުރި މީހާވެސް ހިމެނެއެވެ.

