ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށް އެ މުއައްސަސާގެ އޮނިގަނޑަށް ބަދަލުަ ގެނެސް މަގާމުތަކަށް ބޭފުޅުން އަލުން އައްޔަންކުރަން ފަށައިފިއެވެ.
ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އެ ބަދަލު ގެނެސްފައި ވަނީ އިއްޔެއެވެ. އެ ބަދަލުތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެވޭ ބަދަލުތަކެއް ކަމަށް އެ ހިދުމަތުން ބުނެފައިވެއެވެ.
އެ ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން ފުލުހުން ބުނި ގޮތުގައި އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ.
މީގެ ކުރިން ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުގެނައީ ޖުލައި 1، 2024ގައެވެ. އެފަހަރު ލޯކަލް ޕޮލީސިން ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ޑައިރެކްޓްރޭޓް 17 ބަހާއެއްގެ މައްޗަށް އޮނިގަނޑު ބަދަލުކުރިއެވެ. އެގޮތުން ގޭންގް ކްރައިމް އެންފޯސްމަންޓް އަދި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމްކުރިއެވެ. އެހެންނަމަވެސް، އައު ބަދަލާއެކު މިހާރު ފުލުހުންގެ އިދާރީ އޮނިގަނޑު އެކުލެވިގެންވަނީ 14 ބަހާއެއްގެ މައްޗަށެވެ.
އެ އައު އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:
• އޮފީސް އޮފް ދަ ކޮމިޝަނަރ
• ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
• ޕްރޮފެޝަނަލް ސްޓެންޑަރޑްސް
• ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
• އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
• ފޮރެންސިކް ސަރވިސަސް
• ސެންޓްރަލް އިންވެސްޓިގޭޝަންސް
• މާލޭ ޕޮލިސް
• ހުޅުމާލޭ ޕޮލިސް
• ނޮދަން ޕޮލިސް
• ސަދަން ޕޮލިސް
• ސަރވިސް ޑިވެލޮޕްމަންޓް
• ސަރވިސް ސަޕޯޓް
• ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
އެ އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ އެ ބަދަލުގެ މައިގަނޑު މަގުސަދު ކަމަށް ވެސް ބުނެފައިވެއެވެ.

