ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން އެ ދުވަސް ދިމާވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް މެސެޖެއް ދެއްވަމުން ވިދާޅުވީ، މި ޚާއްސަ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަހާސިންތާއަށް މައްކާގެ މަސްޖިދުލްހަރަމްގެ އިމާމެއް ކަމަށްވާ ޝައިޚް ޑރ. ޔާސިރު އައްދައުސަރީއަށް މިހާރު ދައުވަތު އަރުވާފައިވާ ކަމަށެވެ.
މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދީނީ ދައުވަތުގެ ދާއިރާގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި، ހަތީބުންނާއި އިމާމުންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. މި ބައްދަލުވުމުގައި 1,000 ޒުވާން އިމާމުންނާއި ހަތީބުންގެ އިތުރުން ޒުވާން ހާފިޒުންވެސް ބައިވެރިވާނެއެވެ. އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުން މި މަހާސިންތާގައި ބައިވެރިވުމަށް މާލެ ގެނައުމުގެ ހުރިހާ އިންތިޒާމެއް މިނިސްޓްރީން ހަމަޖައްސާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި 532 ޒުވާން ހަތީބުން އެބަތިއްބެވެ. އަދި ހާފިޒުންގެ ދަފްތަރުގައި 307 ހާފިޒުން ވަނީ ރަޖިސްޓްރީވެފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ޒުވާން ހަތީބުންގެ އަދަދު 1,000 އަށް އިތުރުކުރުމެވެ.
މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ތެރޭގައި ހުޅުވާލާނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ”ޒުވާން ހަތީބުން“ ޕްރޮގްރާމަކީ ރާއްޖޭގެ މިސްކިތްތަކަށް ދިވެހި ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

