ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މާލެ ޓެކްސީ“ގެ އެންޑްރޮއިޑް އެޕް މިހާރު ގޫގުލް ޕްލޭ ސްޓޯރުންވެސް ލިބޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހިންގާ ޓެކްސީ ލައިން ”މާލެ ޓެކްސީ“ގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރުންވެސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ފުރަތަަމަ މި އެޕް ތައާރަފްކޮށްފައިވަނީ އެޕަލްގެ އެޕްސްޓޯރުގައި އައިއޯއެސް އެޕަލް ބްރޭންޑުގެ ފޯނުތަކަށް އެކަންޏެވެ. ނަމަވެސް މިހާރު އެންޑްރޮއިޑް ފޯނު ގެންގުޅޭ ފަރާތްތަކަށް ވެސް މި ހިދުމަތް ހޯދޭނެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތައް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު އެޕްލިކޭޝަންގައިވާ ”ވޮލެޓް“އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، ”ސްކޭން އެންޑް ޕޭ“ ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުން ކޮށްފައިވާ ދަތުރުތަކާއި، ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްސީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ ”އިމަޖެންސީ ފީޗާ“އެއް ވެސް މި އެޕްލިކޭޝަންގައި ހިމަނާފައިވެއެވެ. އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނައިރު ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މޯބައިލް އެޕްލިކޭޝަން ތައާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށް ”މާލެ ޓެކްސީ“ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޓެކްސީ ހޯދުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، މާލެ ޓެކްސީ ލައިން“ގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ.

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަރުމާކޮށްގެން ފެށި މުހިންމު މަޝްރޫއެކެވެ.

މާލޭގައި ޓެކްސީ ހޯދުމަކީ ޒަމާނުއްސުރެ އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާއިރު، ވާރޭވެހޭ ގަޑިތަކާއި ބަންދު ދުވަސްތަކުގައި ޓެކްސީ ނުލިބިގެން އާންމުން އުފުލަމުންދާ ތަކުލީފުތަކަށް މި މަޝްރޫއާއެކު ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި، މި ހިދުމަތް ފެށުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ކުރިއަށް ވުރެ ފަސޭހައިން ޓެކްސީ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ޓެކްސީ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުކުރުމެވެ. މި ހިދުމަތް ދިނުމަށް ޓަކައި ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރު ބޭނުންކުރަމުން ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: