މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން އިތުރު ތިން ގައުމަކުން ރާއްޖެއަސް ފަތުރުވެރިން އައުމާއި ދިއުން ދިވެހި ސަރުކާރުން މަނާކޮށްފިއެވެ.
ކޮރޯނާ ވައޮރަސްއާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިރޭ ދަންވަރު 12:00 އިން ފެށިގެން ސްޕެއިން އަދި ޖަރުމަނާއި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުންވެސް މަނާ ކުރާން ވަނީ ނިންމާފައެވެ.
މީގެކުރިން އިޓަލީއިންނާއި ބަންގަލަދޭޝުން، ޗައިނާ، ސައުތު ކޮރެއާ އަދި އީރާންއިން މީހުން އެތެރެވުން ރާއްޖެއިން ވަނީ މަނާކޮށްފަ އެވެ. މިހާތަނަށް ފަތުރުވެރިން އައުން ރާއްޖެއިން މަނާކުރި ގައުމުތަކަކީ އެންމެ ގިނައިން ރާއްޖެއްސް ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތައްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ކޮރޯނާ ވައޮރަސްއާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.
އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

